އެޗްޕީއޭއިން އަންގާފައިވާ ސާފުތާހިރު ކަމުގެ މިންގަނޑުތަކާ ހިލާފުވުމުން އައިޖީއެމްއެޗް ކެންޓީނު ބަންދުކޮށްފިއެވެ.

އައިޖީއެމްއެޗުގެ ކެންޓީނު ބަންދުކޮށްފައިވަނީ ހިދުމަތް ލިބިގަންނަ މީހުންނަށް ކާބޯތަކެތީގެ ޒަރިއްޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލުކުރާ ގަވާއިދާ ހިލާފުވެގެން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އައިޖީއެމްއެޗް ކެންޓީނު ބަންދުކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.

އައިޖީއެމްއެޗްގެ ކެންޓީނު މިއަދު ބަންދުކޮށްފައިވާއިރު މިދިޔަ މަހު 23 ގައި އެޗްޕީއޭއިން އަންގާފައިވާ ސާފުތާހިރު ކަމުގެ މިންގަނޑުތަކާ ހިލާފުވެ އޭޑީކޭ ހޮސްޕިޓަލުގެ ކެންޓީނު ވެސް ވަނީ ބަންދުކޮށްފައެވެ.

އޭޑީކޭގެ ކެންޓީނު ބަންދުކޮށްފައިވަނީ ވެސް ހިދުމަތް ލިބިގަންނަ މީހުންނަށް ކާބޯތަކެތީގެ ޒަރިއްޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލުކުރާ ގަވާއިދާ ހިލާފުވެގެން ކަމަށް އެޗްޕީއޭ ވަނީ ބުނެފައެވެ.

ކޮވީޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަންނަނީ ހާއްސަ އިންސްޕެކްޝަންތަކެއް ހިންގަމުންނެވެ.

އެގޮތުން މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކޮށްފައެވެ. އެ އިންޕެކްޝަންތަކުގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ހިމެނެއެވެ.

އެޗްޕީއޭއިން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށް ވެސް އެ އެއެޖެންސީގެ ޓީމުތައް އަންނަނީ ވަންނަމުންނެވެ.