ވައިގެ އުދުހުންތަކުގެ ސިނާއަތުގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާތަކުގެ އަދަދު 50 ޕަސެންޓް ދަށަށް ދިޔަ ކަމުގައި ވި ނަމަވެސް، 2020 ވަނަ އަހަރު ކޮމާޝަލް ބޮޑެތި ފްލައިޓްތައް ވެއްޓިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 299 އަށް އަރާފައި ވާ ކަމަށް ނެދަލަންޑްސްގެ ކޮންސަލްޓިންގް ކުންފުންޏަކުން ހާމަކޮށްފިއެވެ.

ވައިގެ އުދުހުންތަކުގެ ސިނާއަތުގެ ކޮންސަލްޓިންގް ކުންފުންޏެއް ކަމަށްވާ ޓު70 އިން ހަބަރު ދޭ ގޮތުގައި، 2020 ވަނަ އަހަރު ބޮޑެތި ކޮމާޝަލް ފްލައިޓްތައް ވެއްޓުމުގެ 40 ހާދިސާއެއް ވަނީ ރެކޯޑް ކޮށްފައެވެ. މީގެ ތެރެއިން 5 ހާދިސާއެއްގައި ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވެއެވެ. 2019 ވަނަ އަހަރު މިފަދަ 86 ހާދިސާއެއް ރެކޮޑް ކޮށްފައި ވާއިރު، މީހުން މަރުވީ 8 ހާދިސާއެއްގައެވެ. 2019 ވަނަ އަހަރު ހިނގި މިފަދަ ހާދިސާތަކުގައި މަރުވީ 257 މީހުންނެވެ.

180 މީހުންނާއެކު އީރާނުން އުދުއްސާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޔޫކްރައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: އޭއެފްޕީ

ޓު70ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު ކޮމާޝަލް ފެންވަރުގައި އޮޕަރޭޓް ކުރި ކޮންމެ 1 މިލިއަން ފްލައިޓަކަށް، ފުރާނައަށް ނުރައްކާ ވަރުގެ 0.27 އެކްސިޑެންޓް ވަނީ ރެކޯޑް ކޮށްފައެވެ. ނުވަތަ އެއީ ކޮންމެ 3.7 މިލިއަން ފްލައިޓަކަށް، ފުރާނައަށް ނުރައްކާ 1 ހާދިސާއެވެ. 2019 ވަނަ އަހަރު މި އަދަދު އުޅުނީ ކޮންމެ މިލިއަން ފްލައިޓަކަށް 0.18 ގައެވެ.

2020 ވަނަ އަހަރު ހިނގި ވައިގެ އުދުހުންތަކުގެ ހިތާމަވެރި ހާދިސާތަކުގެ އަދަދު ނިސްބަތުން ދަށްވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ވައިގެ ބޯޑަރުތައް ބަންދުކޮށް، ފްލައިޓް އޮޕަރޭޝަންތައް މުޅިން ހެން މަޑުޖައްސާލުމާ ގުޅިގެންނެވެ.

180 މީހުންނާއެކު އީރާނުން އުދުއްސާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޔޫކްރައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: އިސްނާ

ފްލައިޓްރޭޑާ24 އިން ރިޕޯޓް ކުރާ ގޮތުގައި 2020 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓްރެކް ކުރި ފްލައިޓްތަކުގެ އަދަދު ވަނީ 42 ޕަސެންޓް ދަށަށް ގޮސްފައެވެ. މި މުއްދަތުގައި ޓްރެކް ކޮށްފައި ވަނީ 24.4 މިލިއަން ފްލައިޓްއެވެ.

އިންޑިއާގެ ކަލިކަޓްއަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް އައިއެކްސް1344 ވެއްޓި 2 ބުރި ވެފަ/ ފޮޓޯ: އޭއެފްޕީ

ވައިގެ އުދުހުންތަކުގެ ސިނާއަތުގައި 2020 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ ދެބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ ކޭސް ހިއްސާ ކުރަނީ، އީރާނުގެ ވައިގެ ސަރަހައްދުން ވައްޓާލި ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު، އީރާނު އަސްކަރިއްޔާއަށް އެރި އޮޅުމެއްގެ ތެރެއިން ވައްޓާލި ފްލައިޓްއިން ދަތުރު ކުރި 176 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ8303، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: ދި އޮސްޓްރޭލިއަން

2020 ވަނަ އަހަރު، 2 ވަނައަށް އެންމެ ނުރައްކާތެރި ހާދިސާއެއް ރެކޯޑް ކުރީ ޕާކިސްތާނުންނެވެ. އެއީ މެއި މަހުގެ ފަހުކޮޅު، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ވެއްޓުނު ހާދިސާއެވެ. އެ ހާދިސާގައި 98 މީހެއްގެ ފުރާނަ ގެއްލުނެވެ.

ފާއިތުވީ 20 އަހަރަށް ބަލާއިރު، ވައިގެ އުދުހުންތަކުގެ ސިނާއަތުގައި ހިނގާ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށް ކުރެވިފައެވެ.