ވެކްސިން ލިބުނުހާ އަވަހަކަށް ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވާފިއެވެ.

ރައީސް މިހެން ވިދާޅުވީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރަކީ ގިނަ މީހުން ހަނދާން ކުރަން ބޭނުން ވާނެ އަހަރެއް ނޫން ކަމަށާއި ނަމަވެސް އާ އަހަރު ބައްދަލު މިކުރަނީ އުންމީދު ތަކަކާ އެކު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ވެކްސިން ހަލުވިކަމާއެކު ލިބި މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތް ވާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ވެކްސިން ލިބުނުހާ އެންމެ އަވަހަކަށް ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި މެސެޖުގައި ނަޝީދު ވަނީ ނިމިގެން މިދާ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައްކުރިއަށް ގެންދިޔަ ސްޕީޑާއި މަސައްކަތުގެ ފުރިހަމަކަމާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މުހިންމު ބިލުތަކެއް ފާސްކުރެވިފައި ވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފުޅާވެ މިހާރު ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު ހިމާޔަތްކޮށް ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީކޮށް ގާއުމީ މުހިންމު މައްސަލަތަކުގައި ބަހުސްކޮށް މި ގައުމުގެ ކުރިމަގަށް ބޭނުންވާ މުހިންމު ގާނޫނުތައް ފާސްކުރަމުންދާ ދައުލަތުގެ މުހިންމު ގުނަވަނެއްް ކަމަށެވެ.

އޭގެ އިތުރުން ނަޝީދު ވަނީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދާ ދަރަނިތައް އަދާކުރުމުގައި ލުއިގޮތެއް ހޯދައި ދިނުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ދިވެހިންނަކީ އަބަދު ވެސް ދަތި އުނދަގޫ މަގު ހުރަސްކޮށް ކާމިޔާބީ ހޯދާ ބައެއް ކަމަށާއި މި އިތުބާރު އަބަދު ވެސް ދިވެހި ރައްޔިތުންނާ މެދު ކުރާ ހާލު، ގަބޫލު ކުރަނީ އަދަށް ވުރެ ފާގަތި މުސްތަގުބަލެއް ލިބޭނެ ކަމަށެވެ.