މާލޭ ސަރަހައްދުން ދާ ފަރާތްތަކުން އއ. ރަސްދޫ މަޑިވަރާ، މަޑިވަރު ފިނޮޅަށް އެރުމަކީ މަނާ ކަމެއް ކަމަށް ރަސްދޫ ކައުންސިލުން ބުނެފިއެވެ.

ރަސްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ގްރޭޓާ މާލޭ ސަރަހައްދުން ދާ ފަރާތްތަކުން އެ ކައުންސިލުން ނަގަން ޖެހޭ ހުއްދަ އާ ނުލައި ރަސްދޫ މަޑިވަރާ، މަޑިވަރު ފިނޮޅަށް އަރަމުން ދާކަން ކައުންސިލަށް އެނގިފައިވާ ކަމަށެވެ.

އެގޮތުން މި ދެ ރަށަކީ އީޕީއޭ އިން ވަގުތީ ގޮތުން ރަސްދޫ ކައުންސިލާ ހަވާލު ކޮށްފައި ވާ ދެ ރަށް ކަމަށް ވާތީ މި ދެރަށަށް އަރަން ވާނީ އެ ކައުންސިލުން ނަގަން ޖެހޭ ހުއްދަ ނަގައިގެން ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އިއުލާނުގައި އިތުރަށް ބުނީ ކޮވިޑް-19 ގުޅިގެން މިހާރު ރާއްޖެ އޮތް މިހާލަތުގައި މާލޭ ސަރަހައްދަކީ އެންމެ ބޮޑަށް މި ބަލި އޮތް އަދި މި ބަލި ފެތުރުމުގެ ފުރުސަތު މިވަގުތު އެންމެ ބޮޑަށް އޮތް ސަރަހައްދު ކަމަށް ވާތީ މިހާލަތުގައި މާލެ ސަރަހައްދުން ދާ ފަރާތްތަކުން މި ދެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ކޮވިޑްގެ މި ހާލަތާ ގުޅިގެން ސަރަހައްދުން ދާ ފަރާތްތަކަށް މި ދެ ރަށަށް އެރުމަށް އެ ކައުންސިލުން ހުއްދަ ނުދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އިއުލާނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ކައުންސިލުން އަޅަމުން ގެންދާނެ ކަމަށް ރަސްދޫ ކައުންސިލުން ވަނީ ބުނެފައެވެ.