ދިވެހި ރާއްޖޭގެ ހާރިޖީ ވުޒާރާ ހިންގަމުންދިޔަ މައި އިމާރާތް، ޗައިނާއިން މަރާމާތު ކުރުމަށްފަހު، ދިވެހި ސަރުކާރާ އަލުން ހަވާލުކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލުއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މިމަސައްކަތުގައި، މިނިސްޓްރީ މަރާމާތު ކުރުމުގެ މަސައްކަތްކުރީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.

ދިވެހި ހާރިޖިއްޔާއިން ބުނީ، މި އިމާރާތަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒަކަށް އަބަދުވެސް ވާނެ ކަމަށެވެ.

ދިވެހި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ މިފަދަ އަހަރެއްގައިވެސް އިމާރާތުގެ މަސައްކަތް ނިންމާ ހަވާލު ކުރެވުނު ކަމާ މެދު އުފާ ކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާގެ ޒަމާންވީ ގުޅުމަށް އެއްބާރުލުން ދޭ ހުރިހާ ފަރާތްތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ސަފީރުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އެހީގައި ހާރިޖިއްޔާގެ އިމާރާތް މަރާމާތު ކުރުމަށް، އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާރިޖިއްޔާގެ އިދާރީ ހިދުމަތްތައް ވަގުތީ އިމާރާތަކަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރިޔާތަކެއްގެ ބައްޓަމަށް ފަރުމާ ކޮށްފައިވާ ދިވެހި ހާރިޖިއްޔާގެ މައި އިމާރާތުގެ ފަރުމާގެ ހަގީގީ މޭސްތިރިއަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ހާރިޖީ ވަޒީރު ކަން ކުރެއްވި އަލްމަރްހޫމް އަލްއުސްތާޒް ފަތުހުﷲ ޖަމީލުއެވެ.