ށ. ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 12 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން، ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ މަސައްކަތް ތަކުގެ ތެރޭގައި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއި މޮބިލައިޒް ކުރެވިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމށް އެމްޓީސީސީން ބުނެއެވެ.