މާލޭގައި ބޭއްވި ކާވެނި ހަފްލާއަކުން ކޮވިޑް-19 އަށް އިތުރު 13 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކައިވެނި ކްލާސްޓާއިން އިއްޔެ އިތުރު 13 މީހަކު ޕޮޒިތީވްވެފައިވާ ކަމަށާއި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 62 އަކަށް އަރާފައިވާ ކަމަށެވެ.

ޝީ ބިލްޑިންގައި ބޭއްވި މި ހަފްލާގައި ގާތްގަނޑަކަށް 120 މީހުން ވަނީ ބައިވެރިވެފައެވެ. އަދި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު އެ ހަފްލާގައި ބައިވެރިވެފައި ވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު ކެޓަގަރީގައި ހިމެނޭ 4 މީހުން ހިމެނޭ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.

މިހަފްލާއިން ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި، ޔޫކޭއިން ރާއްޖެ އައި މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާ އަކީ ކައިވެނި ކްލާސްޓާއާ ގުޅުންހުރި އާއިލާއެއްގެ މެންބަރެއް ކަމަށް އެޗްއޯސީން ބުނެއެވެ.

އެޗްއޯސީން ބުނީ އޭރު ގަވައިދު އޮތް ގޮތުން ޔޫކޭ އިން އަންނަ މީހުން ކަރަންޓީނު ވާން ނުޖެހޭ ކަމަށެވެ. ނަމަވެސް އެމީހާގެ ކިބައިން ބަލީގެ އަލާމަތްތައް ފެނި ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ޔޫކޭން ފެނުނު ކޮވިޑުގެ ސްޓެރެއިންގެ ކޭސްއެއް ކަމެއް އަދި ބެލޭނެ ގޮތެއް ނެތް ކަމަށް އެޗްއޯސީން ބުނެއެވެ.

މި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްއީއޯސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި އެ ސެންޓަރުން ގުޅިފައި ނުވި ނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްއީއޯސީން ވަނީ އެފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

މި ކްލާޓާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މާލެ އިން ޕޮޒިޓިވް ވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ދަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި 31 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 20 މީހެކެވެ.