އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް، ވެރިކަން ކުރާ ރިޕަބްލިކަންސް ޕާޓީގެ ފަރާތުން އަލަށް އިންތިހާބު ކޮށްފައި ވާ ޒުވާން މެމްބަރު، ލޫކް ލެޓްލޯވް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އަވަހާރަވެއްޖެއެވެ.

ކޮންގްރެސްމަން-އިލެކްޓް ލެޓްލޯވް އަވަހާރަވިކަން، އޭނާގެ ތަރުޖަމާޏު އެންޑްރޫ ބޯޗް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އުމުރުން 41 އަހަރުގެ ލެޓްލޯވް ކޮވިޑް-19އަށް ޕޮޒިޓިވްވި ކަން އިއުލާން ކުރެއްވީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ޓްވީޓެއް ކުރެއްވިއެވެ. އޭގެ ފަހުން މިދިޔަ ބުދަ ދުވަހު، އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށް އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދެމުން އަންނަ ކަން ލެޓްލޯވްގެ މަންދޫބަކު ވަނީ ހާމަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ޝިކާރައަކަށް ވެ އުމުރުން އެންމެ 41 އަހަރުގައި އަވަހާރަވި އެމެރިކާގެ ކޮންގްރެސްމަން-އިލެކްޓް ލޫކް ލެޓްލޯވް / ފައިލް ފޮޓޯ: ޔޫޓިއުބް

ލެޓްލޯވް ތަމްސީލު ކުރައްވާ ލުއިޒިއާނާގެ ގަވަރުނަރު ޖޯން ބެލް އެޑްވާޑްސް ވަނީ، ޖަނާޒާ ކުރިއަށްދާ ދުވަހު ލުއިޒިއާނާގައި ހުރިހާ ދިދައެއް، ބައި ދަނޑިއަށް ތިރިކުރުމަށް އަންގަވާފައެވެ.

މިމަހު ކުރީކޮޅު ލުއިޒިއާނާގައި ކުރިއަށް ގެންދިޔަ ރަން-އޯފް އިންތިހާބުގައި ލެޓްލޯވް ކުރި ހޯއްދެވީ ހަމަ ރިޕަބްލިކަންސްގެ ފަރާތުން ނިކުންނެވި ލޭންސް ހެރިސް އާ ވާދަ ކުރައްވާ، 62-38 ލީޑަކުންނެވެ.

މި ދަނޑިވަޅަކީ އެމެރިކާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ ދަނޑިވަޅަކަށް ވާއިރު، އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްވެސް އެ ގައުމުން ފެނުނު ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. މި ކޭސް ފެނިފައި ވަނީ ކޮލަރޯޑޯއިން ކަމަށް ވާއިރު، ކުރިއަށް އޮތް ޖަނަވަރީ މަހަކީ އެމެރިކާގައި ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވެގެންދާނެ މަހަކަށް ވެދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ވަނީ ދެއްވާފައެވެ.