ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ސިފައިންގެ ފަރާތުން ފެނިގެން ދިޔައީ ކެތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން" މި މައުޟޫއަށް ދިވެހިންގެ އައްޑަނަ މަޖައްލާއަށް ލިޔުއްވި ލިޔުމެއްގައި މާރިޔާ ވަނީ ސުނާމީ ކާރިސާގެ ހަނދާން އާކުރައްވާފައެވެ.

އެގޮތުން މާރިޔާ ވިދާޅުވީ އެދުވަހުގެ ހަނދާން އާ ކުރައްވަނީ އެ ދުވަހުގެ ބިރުވެރި ކަމަށް ނޫން ކަމަށާއި އެދުވަހުގެ ހަނދާން އާކުރައްވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުން ކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށް ދިވެހިން ދެއްކި ނަމޫނާއެއް ކަމަށާއި އެކަމަށް ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ދިވެހި ރައްޔިތުންގެ އިތުރުން ދިވެހި އަސްކަރިއްޔާއިން އެ ދުވަހު ދެއްކި އެއްބައިވަންތަ ކަމުގެ ރޫހު ދިވެހި ތާރީހުގެ ސޮފްހާތަކުގައި ތާއަބަދަށް ލިޔެވިގެން ދާ ދިއުމާމެދު ނުހަނު އުފާކުރައްވާ ކަމަށެވެ.

ސުނާމީ ކާރިސާގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމުގެ މި ހާލަތުގައި ސިފައިންގެ ލީޑާޝިޕްގައި ތިއްބެވި ފަރާތްތަކުގެ އިރުޝާދާއެކު، މުޅި މުއައްސަސާއިން ފެނިގެން ދިޔައީ ކެތްތެރިކަމާއި ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން ތިބީ ގައުމީ ހިދުމަތަށް ވަގުތު ހުސްކޮށް ގެން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާއިލާއާ ގާތް ރަހުމަތްތެރިންނާއި ދުރުގައި އެތައް ދުވަހެއް ސިފައިން މި 'ޕެންޑެމިކް' އާ ގުޅިގެން މިއަދު ވެސް ހޭދަކުރަމުން އަންނަ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ވެސް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރު ކުރުމަށް ގައުމީ ދިފާއީ ބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.