ނޭޕާލް ގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ނިންމެވި ނިންމެވުން އަނބުރާ ގެންދިއުމަށް ޑިމާންޑުކޮށް، އެ ގައުމުގެ އެތައް ހާސް ބަޔަކު، ބޮޑުވަޒީރާ ދެކޮޅަށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ބުނަމުން ދަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބޮޑުވަޒީރު ނިންމެވި ނިންމެވުމަކީ ގައިރު ގާނޫނީ ނިންމެވުމެއް ކަމަށެވެ.

ބޮޑުވަޒީރުގެ ރަސްމީ އޮފީސް ހުންނަ ސަރަހައްދަށް އެތައް ހާސް ބަޔަކު ޖަމާވެ، އަޑުއުފުލަމުންދާ މިދަނޑިވަޅަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް، އާންމު އެއްވުންތައް ބޭއްވުން މަނާވެސް ކޮށްފައި ވާ ދަނޑިވަޅެއް ކަން ފާހަގަ ކުރަންޖެހެއެވެ.

ބޮޑުވަޒީރު އޯލީ ވިދާޅުވަނީ ޕާޓީ ތެރޭގައި ދެބަސްވުންތަކާއި އަރާރުންގަނޑު ގަދަވުމުގެ ސަބަބުން އޭނާގެ ޕާޓީގެ ބާރު ކެނޑި، ކަންކަމުގައި ގޮތެއް ނުނިންމިފައި ވާ ކަމަށާ، މަޖިލިސް އުވާލާ، އާ މަޖިލީހެއް އެކުލަވާލުމަށް މިސްރާބު ޖައްސަވަން ޖެހުނީ އެހެންވެ ކަމަށެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލި ފަހުންވެސް ނޭޕާލްގައި މުޒާހަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް މިއަދުގެ މުޒާހަރާއަކީ ބޮޑު މުޒާހަރާއެކެވެ. ސަލާމަތީ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ފުލުހުންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިއަދުގެ މުޒާހަރާގައި ބައިވެރިވުމަށް 10000 އެއްހާ މީހުން ވަނީ ޖަމާވެފައެވެ.

2021 ވަނަ އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހާއި މެއި 10 ވަނަ ދުވަހު މަޖިލިސް އިންތިހާބު ކުރިއަށް ގެންދިއުމަށް ބޮޑުވަޒީރު ނިންމެވި ނިންމެވުމާއި، މަޖިލިސް އުވާލެއްވުމުގައި ސިޔަސީ މަގުސަދު އެކުލެވޭ ކަމަށް ގިނަ ބަޔަކު ބުނާއިރު، އެތައް ބަޔަކު ވަނީ ނޭޕާލްގެ ސުޕްރީމް ކޯޓަށް ޕެޓިޝަންވެސް ހުށަހަޅާފައެވެ. ބޮޑުވަޒީރު ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަންތައް އަޑުއެހުމުގެ މަސައްކަތް، ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައިވެސް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.