ގަވާއިދާ ހިލާފަށް ވެލި ނެގުމުގެ ސަބަބުން ރޯޔަލް އައިލެންޑް ރިސޯޓް 83،750 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، ރިސޯޓެއްގެ ގޮތުގައ ތަރައްގީ ކުރުމަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެއް ކަމަށްވާ، ބ. ދިގުފަރުން ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ވެލި ނަގާފައިވާތީ ރޯޔަލް އައިލެންޑް ރިސޯޓް 83،750 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަަމަށެވެ.

މި ފައިސާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފައެވެ. އަދި އެ ރިސޯޓާ މެދު ފިޔަވަޅު އަޅާފައި ވަނީ ގަވާއިދާ ހިލާފަށް ދިގުފަރުން ވެލި ނަގާތީ އެކަން ހުއްޓުމަށް އެންގުމަށް ފަހުގައެވެ.

ނަމަވެސް އެ ރިސޯޓުން އެކަން ނުހުއްޓާ ކުރިއަށް ގެންގޮސްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރިސޯޓުގެ ފަރާތުން ބުނީ ދެބަސްވެ ބަހުސްއަކަށް ދާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް އެ ރިސޮޓުން ހާމައެއް ނުކުރެއެވެ.

ރޯޔަލް އައިލެންޑް ރިސޯޓަކީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ރިސޯޓެކެވެ.