އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި އައްޑޫ ސިޓީގައި ހިންގަމުންދާ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ލިސްޓުގައި 173 ދަރިވަރުން އޮތް ނަމަވެސް އޭގެތެރެއިން 100 އެއްހާ ދަރިވަރުން ވަކިކުރަން ޖެހިދާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ފްލައިން ސްކޫލުން މިހެން ބުނެފައި ވަނީ، އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާތަކަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެންބަރުން އެ ސްކޫލްގެ އިސް ވެރިންނާ ބައްދަލު ކުރި ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

މިވަގުތު ލިސްޓު ކުރެވިފައިވާ 173 ދަރިވަރުން ތިބި އިރު އެ ސްކޫލްގައި ތަމްރީން ދިނުމަށް ތިބީ 12 އިންސްޓަރަކްޓަރުން ކަމަށް އެ ސްކޫލުން ބުނެއެވެ. 173 ދަރިވަރުންގެ ތެރެއިން އެކްޓިވްކޮށް އުޅޭނީ 60 އެއްހާ ދަރިވަރުން ކަމަށާއި ދެން ތިބި ދަރިވަރުންނަކީ ސްކޫލަށް 'ކޮމިޓްމެންޓް' ދެވޭނެ ދަރިވަރުންތޯ ބަލަންޖެހޭކަމަށް ފްލައިން ސްކޫލުން ބުނެއެވެ. މިހާރު ތިބި ދަރިވަރުންގެ ތެރެއިން އިންސްޓްރަކްޓަރުން ތިބި ނިސްބަތުން ކިޔަވައި ދެވޭނީ 72 ދަރިވަރުންނަށް ކަމަށް ސްކޫލުން ބުނެއެވެ. އެހެން ކަމުން 100 އެއްހާ ދަރިވަރުން ވަކިކުރަން ޖެހިދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި ދަރިވަރުން ވަކި ކުރާނީ ދަރިވަރުންގެ ޕާފޯމެންސްއާ އެހެނިހެން ކަންކަމަށް ބަލާފައި ކަމަށް އެ ސްކޫލުން ބުނެއެވެ.

އައްޑޫގައި ހުންނަ ފްލައިން ސްކޫލް

ފްލައިންގް ސްކޫލްގެ މައްސަލައިގެ ތެރެއިން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އައިސްފައިވަނީ އެތަނުގައި ކިޔަވާ ކޯސްތައް ނިންމުމަށް ދީފައިވާ މުއްދަތު ދިގު ދެމިގެންދާ މައްސަލައެވެ. މިކަމާ ގުޅިގެން އެ ސްކޫލުން ބުނީ، ކޯސް ޑިލޭ ވުމުގައި ހުރި މައްސަލަތަކުގައި ވަކިވަކި ދަރިވަރުންގެ މައްސަލަ ބުނެދެވޭނީ ދަރިވަރުންގެ ނަންތައް ހާމަ ކުރުމުން ކަމަށެވެ. އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އިމްތިހާނުތައް އޮންނަ މުއްދަތައް ނިންމާ ދަރިވަރުންނާއި ގަވާއިދުން ފައިސާ ދައްކާ ދަރިވަރުންނަށް އުދުހުމުގެ ގަޑިތައް ލިބޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ކޯހުގެ މުއްދަތު އިތުރުވެ ދިގުދެމިގެންދާ މައްސަލައާ ގުޅިގެން އެ ސްކޫލުން ބުނީ، ބައެއް ދަރިވަރުން ކޯހުގެ މެދުތެރެއިން ސްކޫލަށް އެންގުމަކާއި ނުލާ ސްކޫލަށް ނާންނަ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ފައިސާގެ ދަތިތަކެއް ހުރި ކަމަށް ބުނެ ކޯސް މެދު ކަނޑާލާ ދަރިވަރުން ވެސް އުޅޭ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެ ސްކޫލުން ދޭ ޕްރެކްޓިކަލް ކްލާސްތަކުގައި ލަސްތަކެއް އުޅޭ އިރު، ކޮވިޑްގެ ސަބަބުން މާޗު މަހުން ފެށިގެން 5 މަސް ދުވަސް ވަންދެން ކިޔެވުން މެދު ކެނޑިގެން ދިޔަ ކަން އެ ސްކޫލުން ފާހަގަ ކުރެއެވެ. އަދި އިންސްޓަރަކްޓަރުން މަދުވުމުގެ އިތުރުން މިވަގުތު އެ ސްކޫލްގައި އޮޕަރޭޓްކުރާ އުޅަނދުތައް މަދުވެފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ. އެގޮތުން ސްކޫލުގައި މިވަގުތު 12 އުޅަނދު އޮތްއިރު، މިވަގުތު އުދުހެނީ 4 ކުޑަ އެއާކްރާފްޓާއި، މަލްޓި އިންޖީން އެއް އެއާ ކްރާފްޓްކަމަށް ސްކޫލުން ބުނެއެވެ. މަދު އުޅަނދުތައް ބޭނުން ކުރަމުންދާ ސަބަބު ހާމަ ކުރަމުން އެ ސްކޫލުން ބުނީ އުޅަނދުތަކަށް އަހަރުން އަހަރަށް ބޭނުންވާ ސްޕެއާ ނުލިބި ގިނަ ދުވަސްވާ ކަމަށެވެ. ނަމަވެސް އަންނަ މަހުގެ ނިޔަލަށް އިތުރު އުޅަނދުތައް ގެނައުމަށް މަސައްކަތް ކުރާކަމަށް އެ ސްކޫލުން ބުނެއެވެ.

އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންނާ ވެސް ބައްދަލުކޮށްފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ އެކު ވެސް އެ ކޮމިޓީން ބައްދަލުކޮށް ދަނީ މި ކަމަށް ހައްލެއް ގެނެވޭތޯ މަޝްވަރާ ކުރަމުންނެވެ.

ފްލައިން ސްކޫލުގެ މައްސަލައަކީ ފެށުނީއްސުރެ ވެސް އޮތް މައްސަލަތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކުވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.