ވ. ރަކީދޫގައި އަނިޔާކޮށް، މަރައިލި އުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
އާފިޔާ 20 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައެވެ.
އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް އާފިޔާގެ މައްޗަށް ވަނީ ސާބިތު ވެފައެވެ. އަދި އިބްތިހާލް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް 20 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވާއިރު، އެ ހުކުމުން އޭނާ ބަންދުގައި ހޭދަކުރި 5 އަހަރު އުނިކުރާނެއެވެ.
އިބްތިހާލް މަރާލި ސަބަބެއް ކަމަށް އާފިޔާ ބުނެފައި ވަނީ އެއީ ބައްޕަ ނެތް ކުއްޖެއް ކަމަށް ވުމެވެ. އާފިޔާއަށް އިބްތިހާލް ލިބިފައި ވަނީ އޭނާގެ މަންމަ އާއި ދޮންބައްޕަ ގަދަކަމުން އޭނާގެ ހަށިވިއްކަން މަޖުބޫރުކުރި ފަހުން ކަމަށް އާފިޔާ ބުންޏެވެ. އަދި ދުވާލަކު އެތައް ބަޔަކު އޭނާއާއެކު ޖިންސީ ގުޅުން ހިންގ ކަމަށް ވެސް އާފިޔާ ބުނެފައިވެއެވެ. އާފިޔާއަށް ހަށިވިއްކަން މަޖުބޫރު ކުރަމުން ދިޔައިރު އޭނާގެ ދޮންބައްޕަ، އޭނާގެ މަންމަގެ ހާޒިރުގައި ވެސް ގަދަކަމުން ޖިންސީ ގުޅުން ހިންގާފައި ވާ ކަމަށް އޭނާ ބުނެއެވެ.
އިބްތިހާލަށް ބަޑުބޮޑު ވުމުގެ ކުރިން އެތައް ފަހަރު އެތައް ބަޔަކު އާފިޔާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފާއި ވާ ކަމަށް އޭނާ ބުނެއެވެ. އަދި މި މައްސަލަތައް ފުލުހަށް ހުށަހެޅުމުން ވެސް ފުލުހުން މައްސަލަ ބަލާފައި ނުވާ ކަމަށް އާފިޔާ ބުނެއެވެ. މީގެ އިތުރުން އާފިޔާގެ މަންމައާއި ދޮންބައްޕަ އޭނާއަށް އެކި ކަހަލަ އަނިޔާ ދީފައި ވާ ކަމަށް ވެސް އާފިޔާ ބުނެއެވެ.
އާފިޔާ ވަނީ ކުޑައިރުއްސުރެ އެކި ކަހަލަ އަނިޔާ ލިބިފައެވެ. އަޅު މަސައްކަތް ކުރަން ޖެހުމާއި، ގެވެށި އަނިޔާ ލިބުމާއި އެކި މީސް މީހުންގެ ޖިންސީ ޝިކާރައަކަށް ވަނީ ވެފައެވެ. އަދި ރައްކާތެރިކަން ފޯރުކޮށްދޭން ތިބި މީހުންގެ ފަރާތުން ވެސް އޭނާއަށް ލިބުނީ އަނިޔާއެވެ. އޭނާއަށް އިންސާފު ނުލިބުމަކީ އޭނާގެ ދަރިފުޅު އިބްތިހާލަށް އިންސާފު ނުލިބެންވީ ސަބަބެއް ނޫން ކަމަށް އާފިޔާއަށް ހުކުމް އިއްވި ގާޒީ ވިދާޅުވިއެވެ.
އާފިޔާއަށް މަރުގެ އަދަބެއް ނުދެވޭނެ
އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު އެ މައްސަލާގައި އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެއެވެ. އެއީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް (މަރުގެ އަދަބު) ނުހިފޭނެ ކަމަށް ޖުމްހޫރީ އިލްމުވެރިން ވިދާޅުވާތީ ކަމަށާއި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލުކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ. ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ ދަރިިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުން ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން އާފިޔާ ކިބައިން ގިސާސް ހިފަން ޝަރުތު ހަމަ ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އިބްތިހާލުގެ ޝަރުއީ ބައްޕައެއް ނެތް ނަމަވެސް އެ ކުއްޖާގެ ނަސަބަކީ މަންމަ އާފިޔާ ކަމުން އޭނާގެ މައްޗަށް މަރަށް މަރު ނުހިފޭނެއެވެ. ގާޒީ އިތުރަށް ވިދާޅުވީ އިބްތިހާލުގެ ބައްޕަ ނެތުމުން މީހުންގެ މަލާމާތް ލިބޭތީ އެކަމާއި ރުޅި އައިސްގެން އިބްތިހާލު މަރާލިނަމަ ވެސް އެ މައުސޫމް ކުއްޖަކީ މަރު ހައްގު ވެފައިވާ ކުއްޖެއް ނޫން ކަމަށެވެ.
މީގެ އިތުރުން މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަމަށް ބޭނުންވާ ނަމައެވެ. ނަމަވެސް އިބްތިހާލްގެ ވާރިސުންގެ ގޮތުގައި ތިބީ އާފިޔާ އާއި އޭނާގެ ބާލިޣުނުވާ އެއްބަނޑު ދެ ކޮއްކޮ ކަމަށް ވީއިރު، މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އިބްތިހާލްގެ މަންމަ ފަރާތު މާމަ ބުނެފައި ވެއެވެ.