ވ. ރަކީދޫގައި އަނިޔާކޮށް، މަރައިލި އުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ހުކުމް ކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އާފިޔާއަށް ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އާފިޔާ އިބްތިހާލަށް އަނިޔާކޮށް އިބްތިހާލް ދެކެ ރުޅި އަންނަނީ، އެކުއްޖާއަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު އާފިޔާ ނިދާ ހޭލި އިރުވެސް އިބްތިހާލް މަރާލަން އާފިޔާ ނިޔަތްގަނެފައިވާކަމަށް އާފިޔާގެ ބަހުން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް އާފިޔާގެ މައްޗަށް ވަނީ ސާބިތު ވެފައެވެ. އަދި އިބްތިހާލް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ކޮށްފައި ވަނީ 20 އަހަރު ދުވަހުގެ ހުކުމެކެވެ. އެ ހުކުމް އޭނާ ބަންދުގައި ހޭދަކުދި 5 އަހަރު އުނިކުރާނެއެވެ.

އިބްތިހާލަށް ދިން އަނިޔާތައް:

އިބްތިހާލް މަރުވީ އާފިޔާ އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުންނެވެ. އެގޮތުން އެ ދުވަހު ހެނދުނު ހޭލި އިރުވެސް އިބްތިހާލް މަރާލުމަށް އާފިޔާ ނިޔަތް ގަނެގެން ހުރިއިރު، އިބްތިހާލަށް އަނިޔާ ކުރުމަށްފަހު ގެއިން ބޭރަށް ދިއުމަށްފަހު އަނބުރާ ގެއަށް އައި އިރު އިބްތިހާލް އެއްވެސް ހަރަކާތެއް ނެތި އޮތް ކަމަށް އާފިޔާގެ ބަޔާނުން އެނގެއެވެ.

އިބްތިހާލް ބޯ ދަށަށް ބާލީހެއް ލައިގެން ތަޅުންމަތީ ނިދާފައި އޮތްވާ، އޭނާގެ ކޮނޑުގައި ހިފާ ކުޑަކަކޫ މައްޗަށް ޖަހާ، އިބްތިހާލުގެ ކަރުގައި ހިފާ ނޭވާ ހާސްކުރުމަށް މަސައްކަތްކުރި ކަމަށް އާފިޔާގެ ބަޔާނުގައި ވެއެވެ. އަދި ކަރުގައި ވަރަށް ބާރަށް ހިފާ ކަރަށް ފިއްތާފައި ވާއިރު، ކަރުގެ ހިފިލެއް ބާރުކަމުން އިބްތިހާލުގެ އަނގައިން ލޭ އައި ކަމަށް ވެސް އާފިޔާ ބުނެފައިވެއެވެ.

އިބްތިހާލު ވަރަށް މަޑުމަޑުން މަންމާއޭ ކިޔާ ގޮވާލި
އާފިޔާ

ފަޔަށް ވާންވެ އޭނާ ވެއްޓުމުން އާފިޔާގެ ދަށް ފައިން އިބްތިހާލުގެ މޭ މަތީގައި ބާރަށް ތިން ފަހަރު ކޮޅުފައިން ޖެހި ކަމަށް ވެސް ވެއެވެ. އަދި އިބްތިހާލުގެ ދަށްދޮޅީގައި އާފިޔާގެ ކަނާއަތުން ވަރަށް ބާރަށް ޖެހި ކަމަށް ވެސް އާފިޔާ ބަޔާނުގައި ބުނެފައިވެއެވެ.

މި އަނިޔާތައް ދިނުމަށްފަހު އާފިޔާ ގެއިން ބޭރަށް ދިއުމަށް ފަހު އަނބުރާ އައިއިރު އިބްތިހާލް ހަރަކާތެއް ނެތި އޮތުމުން އޭނާއަށް ފެން ދޭން މަސައްކަތް ކުރިއެވެ. އިބްތިހާލް ހޮސްޕިޓަލަށް ގެންދަން ނިންމީ އަވައްޓެރިއެއްގެ ލަފައާއެކު ކަމަށް އާފިޔާގެ ބަޔާނުގައި ވެއެވެ. ސިއްހީ މަރުކަޒުގައި އާފިޔާ ހުއްޓާ އޭނާ ވެސް ހޭނެތިގެން ވެއްޓުނު އިރު، އިބްތިހާލް ނިޔާވިކަން އާފިޔާއަށް އެނގުނީ ހޭނެތުމަށްފަހު ހޭއެރި ފަހުންނެވެ. އިބްތިހާލް ވަނީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައެވެ.