މިއަދު ރާއްޖެއަށް 6000 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވީ ބޯޑަރު ހުޅުވާލި ފަހުން އިއްޔެ އަނެއްކާ އާ ރެކޯޑެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިއްޔެ 6000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ބޯޑަރު ބަންދު ކުރުމަށް ފަހު ހުޅުވާލި ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 142,210 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެ އައި 382،760 ފަތުރުވެރިން އައިސްފައި ވާއިރު މިއަހަރު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 525,057 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އަދި ތިންވަނައަށް އެންމެ ގިނައީ އިނގިރޭސިވިލާތުންނެވެ.

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށް މިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 138 ރިސޯޓާއި 178 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 129 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 38645 އެނދެވެ.