ފުލުހުންގެ ހިދުމަތުގެ ބިލާއެކު ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ތަސްދީގު ކުރައްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހަށް މަރުހަބާ ދައްނަވަމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ބިލުގެ މި އިސްލާހުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެތަށް ބަޔަކު އެ މުއައްސަސާ އާއި އަދި އެތައް ރައްޔިތުންނެއް ނުހަނު އެދި ތިބި އިސްލާހު ތަކެއް ކަމަށެވެ.

މީގެ އިތުރުން މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެ ބިލާ ގުޅިގެން ޓްވީޓު ކުރައްވާފައެވެ.

އެގޮތުން އިމްރާން ކުރެއްވި ޓްވީޓެއްގއި ވިދާޅުވީ ފުލުހުންގެ ގާނޫނު ތަސްދީގު ކުރެވި ތިން މަސް ފަހުން އެގާނޫނަށް އަމަލު ކުރަން ފެށުމާއެކު ދިވެހި ރާއްޖޭގެ ދާހިލީ ހަމަޖެހުން ޖާއިމްކޮށް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ގާއިމްކުރުމަށް ފުލުހުންގެ ހިދުމަތަށް ގެންނަންވާ ބަދަލު އަންނާނެ ކަމަށެވެ.

އޭގެ އިތުރުން މިއީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ރާއްޖެ ފުރިހަމަ ޑިމޮކްރެޓިކް މުޖުތަމައު އަކަށް ހެދުމަށްޓަކާ މޯލްޑިވްސް ޕޮލިސް ސާވިސް ހަރުަދަނާކޮށް އިތުރަށް ތަރައްގީ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެ ބިލަކީ މި މަހުގެ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާން ކޮށްފައިވެއެވެ.

އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގަނޫނުއަސާސީއާއި، ގަނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން ހިމެނެއެވެ.

އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ހިދުމަތް ދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ހިދުމަތުގެ އަމާޒާއި، މަގްސަދާއި، މަސްއޫލިއްޔަތާއި، ހިދުމަތާއި، ބާރާއި އިހްތިޔާރުތައް ގާނޫނު އަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން އެ ބިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"، އެ ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.