ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ގްރީން ފައިނޭންސިން ތައާރަފު ކޮށްފިއެވެ.

ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ ގްރީން ފައިނޭންސިން އަކީ އެނާޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓް ކުރުމަށާއި ސޯލާ ޕަވާ ޖެނެރޭޓް ކުރުން ފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރި އާ ފައިނޭންސިން ފެސިލިޓީއެެއް ކަމަށެވެ.

ގްރީން ފައިނޭންސިން މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި 12 ޕަސަންޓުގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައި ވާ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނީ މި ފައިނޭންސް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައި ވާއިރު، މި ފައިނޭންސް އަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމަޔަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް 10 ޕަސަންޓުގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިން ދޫކުރުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. މި ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުންޖުމްލަ ހަރަދުގެ 15 ޕަސަންޓް އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެއެވެ. އަދި ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސަންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަން ޖެހޭނެއެވެ. މިފައިނޭންސިން އަށް އަނބުރާ ފައިސާ ދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައަޅާފައެވެ.

މި ތައާރަފް ކުރި ގްރީން ފައިނޭންސިން އަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރި ފެސިލިޓީއެއް
ސުރީ ހާނިމް

މިކަމާ ގުޅިގެން ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ މިއަދު މި ތައާރަފްކުރި ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

ގްރީން ފައިނޭންސިން އަށް އެދި ހުށަހަޅަން ޖެހެނީ ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށްެވެ. އަދި އަތޮޅު ތެރެއިން ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް މި ފައިނޭންސަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލް އިސްލާމިކް ގްރީން ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ވެސް ލިބޭނެއެވެ.