ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި ވަޒީފާ އުނިކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 207.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ދުނިޔޭގައި ފެތުރެން ފެށި ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގައި ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސްޕޯޓް" ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 207 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް ފައިސާ ދޫކޮށްފައި ވަނީ 16469 މީހުންނަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަައެވެ.

މިހަތަނަށް އައިއިރު، 16469 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައި ވާއިރު، މިދިޔަ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހު 31 ވަނަ ދުވަހު ބަންދު ކުރާނެއެވެ. އަދި މި ހިނގާ ޑިސެމްބަރުމަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުަވހުން އެ މަހުގެ ނިޔަލަށް ހުޅުވާލާނެއެވެ. މި އެލަވަންސަށް ޝަރުތު ހަމަވާނީ 2019 ޑިސެމްބަރު މަހުން ފެށިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އެ އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައި ވަނީ މިއަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހެވެ. އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.