ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަޝްރޫއުތައް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ފަށާފައި ވާއިރު، މި ވެކްސިން ލިބޭ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ގިނައިން އޮތީ ކޮވިޑް-19 ޖެހިއްޖެނަމަ ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނެވެ. ގިނަ ފަހަރަށް މިމީހުންނަކީ ތަފާތު އެކި ބަލިތަކާ ހެދި ހައި ރިސްކު ގިންތިއަށް ފެތޭ މީހުންނެވެ.
ތާރީހު ނުދެކޭ ހަލުވި ދުވެއްޔެއްގައި ތަރައްގީ ކުރި ވެކްސިނަކީ އެކި ބަލިތައް ހުންނަ މީހުންނަށް އެންމެ ރައްކާތެރި ވެކްސިނަކަށް ވެދާނެތޯ ސުވާލުތަކެއް އުފެދުނު ނަމަވެސް، ގަބޫލުކުރަން ޖެހޭ ކަމަކީ، އާންމުންނާ ހިސާބަށް އެ ނޫން ވެކްސިނެއް ނާންނާނެ ކަމެވެ. ވެކްސިނަކީ އޭގައި ފައިދާތަކެއް އެކުލެވޭ އައްޑަނައެކެވެ. ހަށިގަނޑު ތެރެއަށް ވެކްސިން ފޮނުވާލުމާއެކު ހަރަކާތްތެރިވާން ފަށަނީ ދިފާއީ ނިޒާމެވެ. ހަށިގަނޑުގެ އެހެން ސަރަހައްދަކަށް މިކަމުން ފޯރާ އަސަރެއް ނޯވެއެވެ.
އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން މިހާރު ވަނީ ތަފާތު އެކި ބަލިތައް ހުންނަ މީހުންނަށް ވެކްސިން ދިނުމުގައި ސަމާލުކަން ދޭންވީ ނުކުތާތަކެއްވެސް ފާހަގަކޮށްފައެވެ. މި އިރުޝާދުތައް ހާއްސަ ވަނީ ދިފާއި ނިޒާމު ބަލި ކަށިވެފައި ވާ މީހުންނާއި، އޮޓޯއިމިއުން ހާލަތްތައް މެދުވެރިވެފައިވާ މީހުންނާއި، ޖީޔާ-ބަރޭ ސިންޑްރޯމް އާއި ބެލްސް ޕޯލްޒީ ތަހައްމަލު ކޮށްފައި ވާ މީހުންނަށެވެ.
ސީޑީސީގެ ރެކޮމެންޑޭޝަން ބުނާ ގޮތުގައި، މި އެންމެނަށްވެސް އެމްއާރްއެންއޭ ކޮވިޑް-19 ވެކްސިން ބޭނުން ކުރެވިދާނެއެވެ. އެއީ، ވެކްސިންގައި އެކުލެވޭ އެއްވެސް މާއްދާއެއް ނުވަތަ ބާވަތަކަށް އެލާޖިކް ނުވާ ނަމައީހެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ބޭނުން ކުރުމުގައި، އެޗްއައިވީ ފަދަ ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް ސީޑީސީއިން އިރުޝާދުދެއެވެ. އެހެނީ، ދިފާއީ ނިޒާމު ބަލިކަށިވުމުގެ އަސަރެއް ފާޅުވެދާނެތީއެވެ.
ކޮވިޑް-19ގެ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ޖީޔާ-ބަރޭ ސިންޑްރޯމްގެ އަސަރެއް ފެނިފައި ވާ ކަމަށް އަދި މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ނާރުތަކުގެ ނިޒާމަށް ހަމަލާދޭ ބައްޔެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޑޯޒް ނެގުމަށްފަހު ވަރަށް ރަނގަޅަށް ހާލު މޮނިޓާ ކުރަންޖެހެއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހި ކަމުގައި ވީ ނަމަވެސް، ބަލިން ދިފާއުވުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަމުންދިޔަ ހުރިހާ ފިޔަވަޅެއް އެ ގޮތުގައި އަޅަމުން ދިއުމަށް ސީޑީސީއިން އިރުޝާދުދެއެވެ. އެހެނީ، މިހާތަނަށް ތަރައްގީ ކޮށްފައިވާ ކޮވިޑް-19ގެ އެއްވެސް ވެކްސިނަކީ 100 ޕަސެންޓް ކަށަވަރު ނަތީޖާއެއް ނުވަތަ ދިފާއެއް ހޯދާދޭ ވެކްސިނަކަށް ނުވުމެވެ.