ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާގެ އާބާދީގެ ކޮންމެ 1000 މީހަކުން 1، މި ބަލީގައި މަރުވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޮވިޑް-19ގެ ތަފާސް ހިސާބުތައް އެއްކުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ (ޖޭއެޗްޔޫ)ގެ ރެކޯޑްތަކަށް ބަލާއިރު، ހޮނިހިރު ދުވަހު އެމެރިކާ ގަޑިން މެންދުރުން އަނބުރާ 03:00 އާ ހަމައަށް، ކޮވިޑް-19 ޖެހިގެން އެ ގައުމުން މަރުވި ރައްޔިތުންގެ އަދަދު ވަނީ 331116 އަށް އަރާފައެވެ.
އެމެރިކާގެ ބޯހިމުނުގެ ރެކޯޑްތައް ހިއްސާކުރާ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، އެ ގައުމުގެ އާބާދީ އަކީ މިވަގުތު، 330753142 އެވެ.
ކޮވިޑް-19 ޖެހިގެން އެމެރިކާއިން އެންމެ ފުރަތަމަ މީހަކު މަރުވި ކަމަށް ޖޭއެޗްޔޫއިން ރެކޯޑް ކުރީ ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ވޮޝިންގްޓަން ސްޓޭޓްއިންނެވެ. ނަމަވެސް އޭގެ ކުރިން މަރުވި 2 މީހަކުވެސް މަރުވީ ކޮވިޑް-19ޖެހިގެން ކަމަށް، ފަހުން ވަނީ ކަނޑައަޅާފައެވެ.
އޭގެ ފަހުން އެމެރިކާއިން (ކޮވިޑް) މަރުގެ ކޭސްތައް ރެކޯޑް ކުރަމުން އައި ގޮތް
- މާޗް 24: 1000 ޖުމުލަ މަރު
- އޭޕްރިލް 4: 10000 ޖުމުލަ މަރު
- އޭޕްރިލް 23: 50000 ޖުމުލަ މަރު
- މެއި 23 (ފުރަތަމަ މަރަށް 84 ދުވަސް): 100000 ޖުމުލަ މަރު
- ސެޕްޓެމްބަރު 21 (121 ދުވަސް ފަސް): 200000 ޖުމުލަ މަރު
- ޑިސެމްބަރު 14 (84 ދުވަސް ފަސް): 300000 ޖުމުލަ މަރު
- ޑިސެމްބަރު 26 (11 ދުވަސް ފަސް): 330747 ޖުމުލަ މަރު (އާބާދީގެ ކޮންމެ 1000 މީހަކުން 1 މަރުވި ކަމަށް ބުނާ ފާހަގަ ހުރަސް ކުރީ މި ދުވަހު)
މި ދަނޑިވަޅަކީ އެމެރިކާގައި ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރަމުން އަންނަ ދަނޑިވަޅެކެވެ. މިހާތަނަށް، ގާތްގަނޑަކަށް 2 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ދީފައި ވާ ކަމަށް ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ރެކޯޑްތަކުން ދައްކައެވެ. އެމެރިކާގައި އާންމު އުސޫލުން ވެކްސިން ދިނުމުގެ ކެމްޕޭންގައި ބޭނުން ކުރަނީ ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިނާއި، މޮޑާނާ ކުންފުނިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ ޑޯޒްތަކެވެ.