ކީރިތި ގުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް މެޑަލް ދީފިއެވެ.

މި މެޑަލް ދެއްވީ، ދިވެހި ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެގޮތުން ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސް ސޯލިހް ދެއްވީ މެޑަލެވެ.

މެޑަލް ހާސިލު ކުރި ހާފިޒުން:

  • އަލްހާފިޒާ އައިޝަތު ރަފާހު އަލީ، މއ. ހެބޫދޫގެ
  • އަލްހާފިޒާ ނަވާރު ފިރާގް މުހައްމަދުފުޅު، ވިންޓާގްރީން، ޅ. ނައިފަރު
  • އަލްހާފިޒް އަހްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
  • އަލްހާފިޒް މުހައްމަދު ޔޫޝައު ބިން ޒަމްޒަމް، މއ. ރިހިރާޅު

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.

ކީރިތި ގުރުއާން ހިތު ދަސްކޮށް 1 ވަނަ ދަރަޖައިން ފާސްވި 4 ހާފިޒަކަށް ގައުމީ އިނާމުދޭ ޖަލްސާގައި ހާއްސަ އިނާމު ދީފައި ވާއިރު، ގުރުއާން ހިތުދަސްކޮށް 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖާގައި ފާސްވާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެލް މީގެ ފަހުން ދޭނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.