ސުނާމީގައި ލިބުނު ގެއްލުންތައް އިއާދަކޮށް ވަގުތީ ހިޔާގައި އުޅެންޖެހުނު އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ ޒިންމާ އެ ޕާޓީގެ ސަރުކާރުން، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ވައުދެއްގެ ސިފައިގައި ފުރިހަމަ ކުރައްވާފައި ވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމުން މިހެން ބުނީ 2004، ޑިސެމްބަރު 26ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް 16 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައެެވެ. އެގޮތުން އެ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވީ ރައީސް ޔާމީންގެ ސަރުކާރުން ކަން ފާހަގަކޮށް، އެ ޕާޓީން ވަނީ އެކަމާ ހިތްހަމަޖެހުން ފާޅު ކޮށްފައެވެ.

ރާއްޖެއަށް ސުނާމީ އެރި ދުވަސް ފާހަގަ ކުރަމުން އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކޮށްފައެވެ.އަދި މި ކާރިސާގައި ރާއްޖެއިން ނިޔާވެ އަދި ގެއްލިދިޔަ ފަރާތްތަކުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، ނިޔާވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެި ނިއުމަތް ދެއްވުން އެދި އިދިކޮޅު ކޯލިޝަނުން ވަނީ ދުއާ ކޮށްފައެވެ. އެ ޕާޓީން ވަނީ މި ކާރިސާގައި އިންސާނީ ހިދުމަތުގައި އުޅުނު ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.

އިދިކޮޅު ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ ސުނާމީ ކާރިސާގައި ރާއްޖޭގެ އެތައް ރަށަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ބައެއްގެ ގޯތި ގެދޮރާއި ދިރިއުޅުން ސުންނާފަތި ވެގެންދިޔަ ކަމަށެވެ. އަދި އެތައް ބަޔަކަށް ހީވެސް ނުކުރާފަދަ ނަފްސާނީ ގެއްލުންތަކާ ކުރިމަތިވި ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ ދިވެހިން ދުވަހަކު ވެސް ދެކެފައި ނުވާ ފަދަ ހިތްދަތި އަދި ބިރުވެރި ކަމުގެ ތެރޭގައި ދިވެހި ލޮބުވެތި ރައްޔިތުން އެ ދުވަހު ދައްކުވައި ދިން އަޅާލުމާއި އޯގާތެރި ކަމާއި ހިތްހެޔޮ ކަމާއި އެކުވެރިކަމުގެ މިސާލެއް ކަމަށެވެ. އަދި ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައި ވެސް ދިވެހި ރައްޔިތުން ދައްކުވައި ދެނީ މި މަތިވެރި ނަމޫނާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ހަމައެއާއެކު އެ ކޯލިޝަންގެ އުއްމީދަކީ އެ ދުވަހު ދިވެހިން ދައްކުވައި ދިން މާތް ސިފަތައް ދިވެހި މުޖްތަމައުން ފޮހެވިގެން ނުގޮސް، ދިވެހިންނަކީ އެއްބައިވަންތަ އެކުވެރި ބައެއްގެ ގޮތުގައި ތާ އަބަދުމެ ލެހެއްޓެން ކަމަށް ޕީޕީއެމުން ބުނެމެވެ. އަދި އެފަދަ ހިތާމަވެރި ދުވަހެއް މި ގައުމަށް ދެން ކުރިމަތި ނުކުރެއްވުން އެދި އެ ޕާޓީން ވަނީ ދުއާ ކޮށްފައެވެ.