ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރިސް ކުރައްވައިފިއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވަން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެހާ ކާރިސާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރައްވައި، ގައުމީ މައްސަލަތައް ހައްލުކުރުމުގައި އެއްބައިވަންތަ ކަމުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީގު މިންވަރު ކޮށްދެއްވުމަށް ދުއާ ދަންނަވާ ކަމަށެވެ.
ކާރިސާތަކުން ސަލާމަތް ކުރެއްވުމަށް އެދިވަޑައިގެން ރައީސް ދުއާ ދެންނެވި އިރު މިއަދުގެ މުނާސަބަތާ ގުޅިގެން ފޮރިން މިިނސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮވިޑް19 އަކީ މުޅި ދުނިޔެ ސުންނާފަތި ކުރަމުން އައި ލޮލަށް ނުފެންނަ ބޮޑު ސުނާމީއެއް ކަމަށް ވިދާޅުވެފައެވެ. ސުނާމީގައި ލިބުނު ގެއްލުމާއި ހިތްދަތިކަމާއި ބިރުވެރިކަމުން އަރައިގަތުމުގައި ރާއްޖެ ހޯދި ކާމިޔާބީގެ ހަގީގީ މަސްދަަރަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކޮށް، ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގައެވެ.
ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަ ރާޅާ އެކު ރާއްޖެއަށް ސުނާމީގެ ރާޅުތައް އެރީ އެދުވަހުގެ ހެނދުނު 9:20 ގައެވެ. އަދިވެސް ސުނާމީ ކާރިސާގެ ހަނދާންތައް ދިވެހިންގެ ހިތުން ފިލައިގެނެނެއް ނުދެއެވެ.