އިންޑިއާގެ އުތުރުގެ ހަރްޔާނާ ސްޓޭޓްގައި އޮންނަ ގުރުގްރާމް (ގުރުގައުން) ޑިސްޓްރިކްޓްގައި ސަރުކާރު އަދި ޕްރައިވެޓް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރަމުން އަންނަ 35000 އެއްހާ ސިއްހީ ހިދުމަތްތެރިންނަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވެކްސިން ލިބޭނެ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ފެސިލިޓީތަކުގެ އިތުރުން، ޕްރައިވެޓް ހޮސްޕިޓަލުތަކުގައިވެސް ވެކްސިން ދޭ މަރުކަޒުތައް ގާއިމު ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ގުރުގައުންއިން ވަނީ ވެކްސިން ދިނުމާއެކު ކުރިމަތިވެދާނެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ (އޭއީއެފްއައި)ގެ ކޮމިޓީގެ ބައްދަލުވުމެއް ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައެވެ. ސިވިލް ސާޖަން ވިރެންދާ ޔާދަވްގެ ޗެއާމަން ކަމުގެ ދަށުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މަންދޫބު ބިންދޫ ޔާދަވްއާއި ޕްރައިވެޓް ހޮސްޕިޓަލުތަކުގެ އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮވިޑް ވެކްސިން މަޝްރޫއާ ބެހޭ އިތުރު ތަފްސީލު ހާމަ ކުރައްވަމުން ޑެޕިއުޓީ ސިވިލް ސާޖަން އެމްޕީ ސިންހް ވިދާޅުވީ، 2021 ވަނަ އަހަރުގެ ޖަނަވަރު މަހުގެ ތެރޭގައި ގުރުގައުން ޑިސްޓްރިކްޓްގައި ވެކްސިން މަޝްރޫއު ފެށިދާނެ ކަމަށެވެ. ސިންހް ވިދާޅުވީ ފުރަތަމަ ބުރުގައި ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ.

ޕޯޓަލްއެއް މެދުވެރިކޮށް، ވެކްސިން މަޝްރޫއަށް މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް އޭނާ ވަނީ ހާމަ ކުރައްވާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ބައެއް ވެކްސިން އުފެއްދި ކުންފުނިތަކުން ވަނީ އިންޑިއާގައި އާންމު އުސޫލުން ވެކްސިން ބޭނުން ކުރުމުގެ ހުއްދައަކަށް އެދި، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.