މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ބޭފުޅުން ހޮވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިން ކަމަށެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައި ވާ ބޭފުޅުންނެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބެނީ 20 ބޭފުޅަކަށެވެ.

ރައީސް ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގަވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.

އެ ބޭފުޅުންނަށް ރައީސް ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރު ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މާދަމާރޭ 8:30 ގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. ކީރިތި ގުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ފާސްވި 4 ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ވެސް އެ ޖަލްސާގައި ދެއްވާނެއެވެ.

އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި އެ ކާރިސާގައި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެންނާނެއެވެ. ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން މި ޖަލްސާގައި ވާހަކަ ދައްކަވާނީ މިނިސްޓާ އޮފް ހޯމް އެފެއާޒް އައްޝައިހް އިމްރާން ޢަބްދުﷲއެވެ.