ވ. ރަކީދޫގައި އަނިޔާކޮށް، މަރައިލި އުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް އަންނަ ހޯމަ ދުވަހު ހުކުމް އިއްވަން ހަމަޖައްސައިފިިއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އާފިޔާގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅައި ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ، އަންނަ ހަފުތާގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އަދި ބަދަލެއް ނާންނަނަމަ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް ހުކުމް އިއްވުން ހޯމަ ދުވަހު އޮންނާނެ ކަމަށެވެ.
ގާޒީ ސަމީރު ވިދާޅުވީ އެ މައްސަލަ އެހެން ފަނޑިޔާރަކު ބެއްލެވުމަށް ފަހު، އޭނާއާ ހަވާލުވިއިރު ބައެއް ހެކިންގެ ހެކިބަސް ވެސް ނަގައި ނިމިފައިވާ ކަމަށާއި މައްސަލައިގެ ޝަރީއަތް 2015 ގައި ފެށިއިރު ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ނުފެށިޔަސް، އޭރުގެ އުސޫލުތަކާ އެއްގޮތަށް ވަކީލުންގެ އެހީތެރިކަން އާފިޔާއަށް ދީފައިވާ ކަމަށެވެ.
ދައުވާއަށް އެކަށީގެންވާ މިންވަރަށް ސާފުކޮށް ދިނުމުގެ އިތުރުން އެކަށީގެންވާ ފުރުސަތުތައް އާފިޔާއަށް ދީފައިވާ ކަމަށްވެސް ގަޒީ ވިދާޅުވިއެވެ.
އަންނަ ހޯމަ ދުވަހު ހުކުމް ކުރުމަށް ނިންމާފައިވާއިރު، ދައުލަތުން މީގެ ކުރިން އެ މައްސަލައިގައި ބުނެފައި ވަނީ އިބްތިހާލް މަރުވީ އާފިޔާ އޭނާ ނޭވާ ހާސްކުރުމުން ކަމަށާއި އާފިޔާ އިބްތިހާލްއަށް އަނިޔާ ކޮށް އިހުމާލުވި ކަމަށައި އެހެން ދަރިންނާ ތަފާތުކުރިކަން ހެކިތަކުން އެނގޭ ކަމަށެވެ.
އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފައެވެ. އަދި ފުލުހުންގެ ތަހުގީގުގައިއާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އިބްތިހާލްގެ ހަށިގަނޑު ބެލި ޑޮކްޓަރު ދެއްވި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނޭވާ ހާސް ކުރުމުގެ ގޮތުން ކަރުގައި ހިފާފައި ހުރި ކަމަށް ބެލެވޭ ނިޝާންތަކެއް އެކުއްޖާގެ ކަރުން ފެންނަން ހުރި ކަމަށާއި އެކުއްޖާގެ ކަނާތްފަރާތު ނިތްކުރިއާ ދިމާލުން ބައެއް ދުޅަވެފައި ހުރި ކަމަށް ވެއެވެ. އަދި އިބްތިހާލްގެ މޫނުމަތީގައި އެކިވަރުގެ ކުދި ޒަހަމްހުރި ކަމަށާއި ކަނާތު ކަންފަތުގައި ފާރުގަނޑެއް ހުރުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެކިފަހަރުމަތިން ލިބިފައިވާ އަނިޔާގެ ލަކުނުތައް ފެންނަން ހުރި ކަމާއި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިހުރިކަން ފާހަގަ ކޮށްފައިވެއެވެ.
އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އިބްތިހާލު މަރުވީ އަނިޔާ ކުރުމުން ކަމަށް އާފިޔާ ވަނީ ކުރިން ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން އިބްތިހާލަށް އެއްވެސް ގޮތަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރީގެ އަޑުއެހުންތަކުގައި އަނިޔާކުރާކަމަށް ބުނެފައި ވަނީ ޖަލު އޮފިސަރުން މަރުގެ އިންޒާރުދިނުމުން ކަމަށް އާފިޔާ ބުނެފައި ވެއެވެ.