ޑީއެންއޭ އަށް ބިނާކޮށް ޝަރުއީ ހައްދެއް ނުވަތަ ގިސާސެއް ގާއިމެއް ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި ވަނީ ގަޛްފު ކުރާ ފިރިހެނަކަށް ލިޢާން ކުރެވިދާނެ ފަދަ ހާލަތެއްގައި ކުށުން ބަރީއަވުމަށްޓަކައި ޝަރީއަތް މެދުވެރިކޮށް ޑީއެންއޭ ހަދަން އެދެވިދާނެތޯ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ދީނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަށް ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އަބްދުﷲ ދީދީ ވިދާޅުވީ ޑީއެންއޭ އަކީ ނަސަބު ސާބިތުކުރުމާއި ނަފީކުރުމުގައި މިޒަމާނުގައި ބޭނުންކުރުން ހުއްދަ ވެގެންވާ ގަޠްޢީ ގަރީނާއެއް ކަމަށެވެ. ނަމަވެސް އެއަށް ބިނާކޮށް ޝަރުއީ ހައްދެއް ނުވަތަ ގިސާސެއް ގާއިމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިޒަމާނުގެ ގިނަ އިލްމުވެރިންނާއި ފިގްހު އެކަޑަމީތަކުން ބަލައިގެންފައިވާ ރައުޔަކީ ވެސް އެއީ ކަމަށް އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.

ޒިނޭ ކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާ ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެން ގިނަ ބައެއްގެ މެދުގައި އަންނަނީ ދެބަސްވުން އުފެދިފައެވެ.

މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްއުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާ ކުރާކަމެއް ނޫން ކަމަށެވެ. އަދި އިރު ހިނގާ ގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުގައި ވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ. މައުމޫނު ވިދާޅުވީ ފިންގާޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަންނަ ކަމަށެވެ.

މައުމޫނުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނު ވިދާޅުވި އެއްޗަކުން ރައްޔިތުންނަށް އޮޅުން އަރާ ކަމަށެވެ.

އެގޮތުން ޑީއެންއޭ އިން ބައިލޮޖިކަލް ބައްޕަ ސައިންޓިފިކަލީ ދެނެ ގަނެވޭނެ ކަމަށާއި ނަމަވެސް ޒިނޭގެ ދަރި އޭނާގެ ބައިލޮޖިކަލް ބައްޕަ އަށް ނިސްބަތް ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އެއީ ކައިވެނީގެ ބޭރުން ދަރިން ހޯދުން ކަމަށް ޒައިދު ވިދާޅުވިއެވެ.