ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީޖހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަހު، ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާކޮށް، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތިން މަޖީލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ގެކޮޅު އިމާރާތްކު ރަން ނިންމާފައި ވަނީ ސުޕްރީމް ކޯޓް ހުންނަ ތީމުގޭ ކުރިމައްޗަށް ވާ ގޮތަށް އޮންނަ ޕާކިން ޒޯން ހުރި ބިން ކަމަށް މައުލޫމާތު ލިބެއެވެ. ފައިސާ ދައްކައިގެން ވެހިކަލްތައް ޕާކް ކުރުމަށް ފާކިންޒޯން ހަދާފައިވާ ބިން މި މަހުގެ 15ގެ ކުރިން ހުސްކުރުމަށް މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ވަނީ އަންގާފައެވެ.

އުއްތަމަ ފަނޑިޔާރަށް ގެކޮޅު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން: މަޖީދިއްޔާ ސްކޫލް ކުރިމައްޗަށް ވާގޮތަށް ހުރި ސްކައިޓް އެސޯސިއޭޝަން ހުރި ތަން / ފޮޓޯ: ދަ ޕްރެސް

އުއްތަމަ ފަނޑިޔާރުގެ ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައިވާ ބިމަކީ މެދުޒިޔާރަތް މަގުން މަޖީދީއްޔާ ސްކޫލުގެ ކުރިމަތީގައި ހުންނަ ސްކައުޓް އެސޯސިއޭޝަން ހިންގި ބިމެވެ. އަދި މި ދެބިމުގައި ވެސް ރައްޔިތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ގެކޮޅު ސަރުކާރުގެ ހަރަދުގައި އިމާރާތް ކުރާ ގޮތަށް ވަނީ ނިންމާފައެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންނަށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ބިން ކަނޑަ އެޅި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މ. މުރައިދޫގެ އަދި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓްގެ އެޕާޓްމެންޓެއް ވަގުތީ ގޮތުން ހަމަޖައްސައި ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެތަންތަނުގައި މިހާރު ދަނީ މާރާމަތުގެ މަސައްކަތް ކުރަމުންނެވެ.