ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސިސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އޭސީސީއިން މިއަދު ބުނީ ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލައިގައެވެ.

އެ މައްސަލައިގައި އޭސީސީން އެދިފައިވަނީ ޝިޔާމްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި އޭސީސީން ބުނީ، އެމްއާރުސީސީގެ ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާ ކަމަށެވެ.

އެގޮތުން، އެމްއެންޑީއެފްގެ މަރުކަޒެއްކަމަށްވާ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތްނަމަވެސް، އެމްއާރުސީސީގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން، އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގެން އޮންނަ ކަމަށްވެސް އޭސީސީން ބުނެއެވެ.

ހަމައެހެންމެ، ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށްވެސއ އޭސީސީން ބުނެއެވެ.

އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.

އަދި އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިގު މުއްދަތަކަށް ޝިޔާމުގެ ބައްޕަ، ދިރިއުޅެފައިވާތީއާއި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަން އޭސީސީގެ ތަހުގީގަށް ފާހަގަ ވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން، ޝިޔާމްގެ ބައްޕަ އެމްއާރުސީސީގެ ވީއައިޕީ ގޭގައި ހުރެފައިވަނީ ޝިޔާމް އަންގައިގެންކަމާއި، ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުން ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތްކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން، ސިފައިންގެ އޮފިސަރެއް ޝިޔާމްގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މަޢުލޫމާތުން އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެހެންކަމުން އެމްއާރުސީސީގެ ވަސީލަތްތަކާއި ހިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އޭސީސީން ބުނީ އެ ސަބަބުތަކަށްޓަކައި ޝިޔާމް އެމްއާރުސީސީގެ ވީއައިޕީ ގޭގައި އޭނާގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް އެމްއާރުސީސީގައި ބަހައްޓާފައިވަނީ ޝިޔާމްގެ މަގާމްގެ ނުފޫޒު ބޭނުންކޮށްގެން، އެނގެހުރެ ސިފައިންގޭގެ ގާނޫނާ ގަވައިދާ ހިލާފަށް ޝިޔާމްގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.