ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން އައު އެޑިޔުކޭޝަން ފައިނޭންސިންގް ފެސިލިޓީއެއް މިއަދު ތައާރަފު ކޮށްފިއެވެ.

ބީއެމްއެލުން ބުނީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ އެ ފެސިލިޓީ އަކީ ސެޓިފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށެވެ.

އެގޮތުން އެޑިޔުކޭޝަން ފައިނޭންސިންގް މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ހަރަދުތައް ހިމަނައިގެން ޖުމްލަ ހަރަދުގެ 75 ޕަސެންޓާ ހަމަޔަށް ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައި ވެއެވެ.

ބީއެމްއެލްގެ އެ ހިދުމަތާ ގުޅިގެން އެ ބޭންކްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިންގް ސުރީ ހާނިމް މުހައްމަދު ވިދާޅުވީ އެ ތައާރަފް ކުރެރެވުނު އެޑިޔުކޭޝަން ފައިނޭންސިންގް އަކީ އިސްލާމިކް ފައިނޭންސިންގް ފެސލިޓީއެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއް ކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހިދުމަތަށް ފައިސާ ދައްކާ ނިންމުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު އެ ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓްގެ ރޭޓުގައެވެ. އެ ފައިނޭންސިންގް އަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހުގައެވެ.

ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ހަރަދުގެ 25 ޕަސެންޓް ފައިނޭންސިންގް އަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެއެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެއެވެ.