ޖިއޮގްރަފީ ގޮތުން ދުނިޔޭ ބައިވެފައި އޮންނަ 7 ބައްރަށްވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިފައިވާކަން ކަށަވަރު ވެއްޖެއެވެ.

އެންޓާޓިކާއަކީ މިހާތަނާ ޖެހެންދެން ކޮވިޑް-19 ސަލާމަތްވެފައި އޮތް ހަމައެކަނި ބައްރެވެ.

ނަމަވެސް ޗިލީގެ އަސްކަރިއްޔާއިން ވަނީ އެންޓާޓިކާ ޕެނިންސިއުލާގައި އެ ގައުމުން އޮޕަރޭޓް ކުރާ ބާނާޑޯ އޯހިގިންސް ރިސާޗް ސެންޓަރުން 36 ކޭސް ފެނިފައި ވާކަމަށް ރިޕޯޓްކޮށްފައެވެ.

އެންޓާޓިކާއިން ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 26 މީހުންނަކީ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުން ކަމަށާ، އަނެއް 10 މީހުންނަކީ މެއިންޓަނަންސް މަސައްކަތުގައި އުޅޭ މީހުން ކަމަށް ހަބަރު ލިބެއެވެ. މި ހުރިހާ އެންމެންވެސް މިހާރު ޗިލީއަށް ގެންގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 އިން ސަލާމަތްވެފައި އޮތް ހަމައެކަނި ބައްރުން ބަލީގެ ކޭސްތަކެއް ފެނުނު ހަބަރު ފެންމަތި ވެފައި މިވަނީ، އެ ސަރަހައްދުގައި ޗިލީއިން އޮޕަރޭޓް ކުރާ ރިސާޗް ސެންޓަރަށް މުވައްޒަފުންނާއި ބައެއް ކަހަލަ ސާމާނު ހިފައިގެން ދަތުރު ކުރި މަނަވަރަކުން ކޮވިޑް ކޭސްތަކެއް ފެނުނު ކަން، ޗިލީގެ ކަނޑުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައި ވަނިކޮށެވެ.

އެންޓާޓިކާގައި ޗިލީއިން އޮޕަރޭޓް ކުރާ ބޭސްއެއް / ފޮޓޯ: ޗިލީގެ އަސްކަރިއްޔާ

ސާޖެންޓޯ އަލްޑެއާ، ރިސާޗް ސެންޓަރަށް ދިޔައީ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ. އަދި އަނބުރާ ޗިލީއަށް ދަތުރުކުރީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. ޗިލީގެ އަސްކަރީ ބޭހަށް މަނަވަރު ބަނދުރުކޮށް، ކުރޫއިން ޓެސްޓު ކުރި ކުރުމުން 3 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ޗިލީގެ އަސްކަރިއްޔާއިން ބުނީ އެންޓާޓިކާއަށް ދަތުރުކުރި ހުރިހާ އެންމެންގެ ޕީސީއާރް ޓެސްޓު ހަދާ، ނަތީޖާ ނެގެޓިވް ވެފައި ވާކަމަށެވެ.

ބާނާޑޯ ހޯގިންސް ރިސާޗް ސްޓޭޝަނަކީ އެންޓާޓިކާގައި ޗިލީއިން އޮޕަރޭޓް ކުރާ ދާއިމީ 4 ބޭހުގެ ތެރެއިން 1 ބޭހެވެ. މި ސްޓޭޝަން އޮޕަރޭޓް ކުރަނީ ޗިލީގެ އަސްކަރިއްޔާއިންނެވެ. ޗިލީއަކީ ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން، ކޮވިޑް-19ގެ ނުރައްކާ 6 ވަނައަށް އެންމެ ބޮޑުވެފައުވާ ގައުމެވެ.