ބަޖެޓް ފާސްކުރުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީސް ފެއިލްވެ، 2021 ވަނަ އަހަރުގެ މާޗް މަހު، އަވަސް އިންތިހާބެއް ބާއްވަން ޖެހިއްޖެއެވެ.

މިއާއެކު، އިސްރާއީލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް އަނެއްކާވެސް މިވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ނަތަންޔާހޫ އަމަލު ކުރަމުން އަންނަ ގޮތުން، އިސްރާއީލުގެ ގިނަ ބައެއްގެ ނަފުރަތު، ނަތަންޔާހޫއަށް ދަނީ އަމާޒުވަމުންނެވެ. މި ދަނޑިވަޅަކީ، އޭނާއާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާއެއްވެސް ހިންގާ ދަނޑިވަޅެކެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރަކާ ދެކޮޅަށް މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ، ފައިޒާއާއި ބައޮއެންޓުން ތަރައްގީ ކުރި ކޮވިޑް ވެކްސިން ޖަހަނީ / ފޮޓޯ: އޭޕީ

މާޗް މަހުގެ އިންތިހާބު ވާނީ، 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ކުރިއަށް ގެންދާ 4 ވަނަ އާންމު އިންތިހާބަށެވެ.

އިސްރާއީލުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި ނަތަންޔާހޫއާ ދެކޮޅަށް މިފަހަރު އާ ކެންޑިޑޭޓެއް ނިކުންނާނެ ކަމަށް ހަބަރު ލިބެއެވެ. އެއީ ނަތަންޔާހޫގެ ލީކުޑް ޕާޓީގައި އުޅުމަށްފަހު އެ ޕާޓި ދޫކޮށްލި ގިޑިއޯން ސާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކަށް ބަލާއިރު، ސާ ވަނީ މަގުބޫލުކަމުގެ އިމުގައި ނަތަންޔާހޫއާ އެއްވަރު ކޮށްފައެވެ.

ޖިނާއީ ކުށަކަށް އަރައިގެންފައި ނުވާނެ ކަމަށް ބުނަމުން އަންނަ ނަތަންޔާހޫއާއި އަދުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް، ގުޅިފައިވާ ސަރުކާރެއް އިސްރާއީލުގައި އެކުލަވާލީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. ނަމަވެސް، މުހިންމު މައްސަލަތަކެއްގައި 2 މީހުންނަށްވެސް އެއްގަލަކަށް އެރިފައެއް ނުވެވެ. މީގެ ތެރޭގައި ހިމެނޭ އެއް ނުކުތާއަކީ ދައުލަތުގެ ބަޖެޓްގެ މައްސަލައެވެ.

އިސްރާއީލުގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ (މ) އަދި ގުޅިފައިވާ ސަރުކާރުގެ ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްޒް/ފޮޓޯ: ނެސެޓް

ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޮޑުވަޒީރު ކަމާ ހަވާލުވާނީ ގަންޓްޒްއެވެ. ނަމަވެސް، މާޗް މަހުގެ އިންތިހާބު ނިމި ގޮތެއް ހަމަޖެހެންދެން، ބޮޑުވަޒީރު ކަމުގައި ހުންނާނީ ހަމަ ނަތަންޔާހޫ ކަމުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

އުމުރުން 71 އަހަރު ވެފައިވާ ނަތަންޔާހޫ، އިސްރާއީލުގެ ބޮޑުވަޒީރު ކަން އެންމެ ފުރަތަމަ ކުރީ 1996 އިން 1999 އަށެވެ. އަދި 2009 ވަނަ އަހަރުން ފަށައިގެން އެ މަގާމުގައި ދެމި ހުރީވެސް ހުދު އޭނާއެވެ.