މަސް ކިރުން ލަސް ވުމާއި، އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން ދާތީ މަސްވެރިން ކުރަމުން އައި މުޒާހަރާ ހޫނުވެ ފުލުހުންގެ ލައިން ފަޅާލައިފި ފެލިވަރަށް މަސްވެރިން އަރައިފިއެވެ.
ފެލިވަރުގައި މަސްވެރިން މުޒާހަރާ ކުރަމުން ވަނީ ދޯނިތައް ފަޅުތެރޭގައި އަޅައިގެންނެވެ. ފެލިވަރަށް މީހުން އެރިޔަ ނުދިނުމަށް ފުލުހުން ސަފު ހަދާފައި ވަނިކޮށް ސަފުތައް ފަޅާލައި މަސްވެރިން ވަނީ ފެލިވަރަށް އަރާފައެވެ.
މި މުޒާހަރާގައި މަސްވެރިން ކޮށްފައިވާ ޑިމާންޑުތަކުގެ ތެރޭގައި މަހުގެ އަގު 20 ރުފިޔާ އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބެހެއްޓުމާއި ލުއި ފަސޭހަކޮށް ފެލިވަރުން އައިސް ލިބެނޭ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެންގޮސް ބޭނުން ކުރަން ފެށުން އަދި ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މައްސަލަ ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށެވެ. އަދި އެ ރަށުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ގައުމީ ފްޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު ބުނީ މަސްވެރިން އަޑު އުފުލަނީ ހަމަ ހަގީގަތުގައި ވެސް ކަންބޮޑުވުން އިންތިހާއައް ބޮޑުވީމައި ކަމަށެވެ. އެގޮތުން ބާނާ މަސްކޮޅު ނުކިރި، ކިރާ މަސްކޮޅަށް ހަމަ އަގު ނުލިބި މަސްވެރިންނާއި މަސްވެރި އާއިލާތައް ބިކަވަމުން ދާ ކަމީ އެންމެންގެ ލޮލަށް ފެންނަމުން ދާ ހަގީގަތް ކަމަށް އިމްރާން ވަނީ ބުނެފައެވެ.
މަސްވެރިން މުޒާހަރާ ކުރަމުން ދާއިރު މަސް ކިރުވުމުގެ ދަތިތަކަކަށް ހައްލު ހޯދައިދިނުމަށް އަންނަ އަހަރު 460 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުން ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަސްވެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި ވިދާޅުވެފައެވެ.
އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް މަސް ރައްކާ ކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އެ މަޝްރޫއުތައް ނިމުމުން މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.