ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް، ރާއްޖޭގައި އެމީހުން ވަޅުލަން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަށް ހިޔާލު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނިއުސް އިން އޭޝިއާގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ލަންކާގައި މަރުވާ މުސްލިމުންގެ ގަބުރު ރާއްޖެ ފޮނުވަން ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަށް ހިޔާލު ދެއްވީ މުހައްމަދު ނަޝީދު ކަމަށެވެ.
އެ ރިޕޯޓުގައި ވާ ގޮތުން ކޮވިޑު ޖެހިގެން ލަންކާގައި މަރުވާ މީހުންގެ ހަށިތައް އަންދާތީ އެ ގައުމުގެ މުސްލިމް ލީޑަރުން ވަނީ ބޮޑީ ބޭގެއްގައި މުސްލިމުންގެ ހަށިތައް ކޮންކްރީޓް ސަންދޯކަށް ލައި، ވަޅުލައިދޭން ހުށަހަޅާފައި ކަމަށެވެ.
އެ ހުށަހެޅުމަށް އެއިރު ލަންކާ ސަރުކާރުން ތާއީދު ކުރި ނަމަވެސް އެ މައްސަލައިގައި ވަކި ގޮތެއް ނުނިމި ދިގުލައިގެން ދާތީ ލަންކާގެ މުސްލިމުން ރައީސް މުހައްމަދު ނަޝީދާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އަދި މެލޭޝިޔާގެ ބޮޑުވަޒީރުގެ އިތުރުން މުސްލިމު އެހެން ލީޑަރުންގެ އެހީތެރިކަމަށް އެދުނު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރާއްޖޭގައި އެމީހުން ވަޅުލުމަށް ލަންކާގެ ރައީސަށް، މަޖިލިސް ރައީސް ނަޝީދު ހިޔާލު ދެއްވުމާއެކު ލަންކާގެ ރައީސް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް އެކަމުގައި އެދިވަޑައިގެންނެވީ ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ރައީސް ސޯލިހު ދެއްވީ އެދެވޭ ޖަވާބެއް ކަމަށާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވާ ކަމަށް ވެސް އެރިޕޯޓުގައި ވަނީ ބުނެފައެވެ.
ލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލަން ގެނައުމާ ގުޅޭގޮތުން ރައީސް ނަޝީދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާ އަކީ ރާއްޖެ އަށް ބޭނުންތެރި އަދި އެހާމެ ގާތް އެކުވެރި ގައުމެއް ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ދެގައުމު އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށާއި ލަންކާގައި ވެސް ރާއްޖޭގެ މީހުން ވަޅުލާފައިވާ ގަބުރުސްތާނުތައް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ނުވަތަ ކޮވިޑް ކަމަށް ޝައްކު ކުރެވޭ މަރުގެ ކޭސްތަކުގެ ގަބުރު ނައްތާލަނީ އަނދާލައިގެންނެވެ. ނަމަވެސް މިއީ އިސްލާމީ އުސޫލުތަކާ ހިލާފު ކަމަށް ވާއިރު، މިފަދައިން މުސްލިމުންގެ ގަބުރު އެންދުމާ ދެކޮޅަށް ފެތުރުނު ވަރުގަދަ އޮއެވަރާއެކު، މުސްލިމުންގެ ގަބުރު އަންދާލުން އޮތީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލާ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ހޯދުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައި ވާ ކަމަށް ރާއްޖޭގެ ސަރުކާރުން އޮތީ ހާމަކޮށްފައެވެ.