އެމްޑީޕީން ކޯނީ ރިޕޯޓު ބަލައިގަތުމުން މާޒީވި ބަގާވާތުން ވެރިކަން ވައްޓާލި ކަމަށް ބުނާ ދުވަހުގެ ހުރިހާ ކަމެއް މަންސޫހުވީ ކަމަށާއި އެހެންކަމުން މިހާރު އިންތިގާލީ އިންސާފުގެ ވާހަކަ ދައްކަނީ ކީއްކުރައްވަން ތޯ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އައްސަވައިފިއެވެ.

އިންތިގާލީ އިންސާފް ގާއިމު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސަންގުޓީވީ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ލިބިވަޑައިގަންނަވާނެ ގޮތަށް ކަން ކުރައްވަން ވެގެން އޭރު އެމްޑީޕީން ކޯނީ ރިޕޯޓް ބަލައިގެންފައިވާ ކަމަށެވެ.

"ކޯނީ ރިޕޯޓްގައި ބުނާ ކަންތައްތައް ބަލާއި ނިންމާފައި ސިޓީ ހޯލަށް އެއްވެފައި ރައީސް ނަޝީދު ވެސް ހުރެގެން އެމްޑީޕީ އެންމެން ނިންމީ ކޯނީ ރިޕޯޓުގައި އެއޮތީ ބަގާވާތެއް ނޫން ކަމަށޭ. ދެން އެހެންވެއްޖިއްޔާ އެކަމާ ގުޅިގެން ހިނގާ ދިޔަ ހުރިހާ ކަމަކީ އެއީ މަންސޫހު ވީ ކަމެއް ނޫންތޯ؟ އަޅުގަނޑުމެން މި ތިބީ އެކަން ގަބޫލުކޮށްގެން ނޫން ތޯ؟ ދެން މިހާރު ކޮން ބަދަލެއް ހޯދަން އުޅޭކަށް. ދެން ކޯއްޗެއްގެ ވާހަކައެއް ދައްކާކަށް."
މޫސާ މަނިކު

އެ ރިޕޯޓު ބަލައިގަތުމާއެކު ބަގާވާތުން ވެރިކަން ވެއްޓުނު ކަމަށް ބުނާ ދުވަހުގެ ކަންކަން މަންސޫހުވެފައިވާ ކަމަށް ރީކޯ މޫސާ ސިފަކުރައްވައެވެ. އެ ދުވަހު އެމްޑީޕީން ކޯނި ރިޕޯޓު ބަލައިގަތުމަކީ ޕާޓީން އަދި އަނިޔާ ލިބުނު މީހުން ވީ ގުރުބާނީއެއް ކަމަށާއި އެ ގުރުބާނީ ވީ، ރައީސް ނަޝީދަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ރީކޯ ވިދާޅުވިއެވެ.

އޭރުގެ ރައީސް ނަޝިދުގެ މައްޗަށް ހުޅުމާލެ ކޯޓުގައި ކޮށްފައި އޮތް ދައުވާ އޮއްވާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ނުލެވޭނެ ބުނާ ބުނުމަށް ބަދަލެއް ގެނެސް ކުރިމަތިލެވެން އޮތީ އެ ކޯނީ ރިޕޯޓް ބަލައިގަނެގެން ކަމަށް ވާތީ އެމްޑީޕީން ތިބީ އެ ގަބޫލުކޮށްގެން ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފު ހޯދުމުގެ ފުރުސަތު އޮތުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯނީ ރިޕޯޓު ބަލައިގަތްފައި އޮތުމުން ބަގާވާތް ހިނގި ދުވަހު ކުރި އަނީޔާއަށް އިންސާފު ހޯދަން މަސައްކަތް ނުކުރުން މާ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން މިހާރު އިސްލާމީ ރިވެތި އާދައިގެ ތެރެއިން މައާފް ކުރުމާއި ހިތް ހަލާލު ދިނުމުގައި ދެމި ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ރީކޯ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފު ގާއިމް ކުރުމަށާއި ފުލުހުންގެ ބިލަށް ގެނައި އިސްލާހާ އެކު ގިނަ ބައެއްގެ މެދުގައި ދެކެވެމުން އަންނަ އެއް ވާހަކައަކީ އެމްޑީޕީން މި ގާނޫނުތަކަށް އިސްލާހު ގެންނަނީ ރައީސް ނަޝިދުގެ ވެރިކަން ވައްޓާލުމަށް ކުރި ބަގާވާތަށް އިންސާފު ހޯދައި އެކަމުގައި މަސައްކަތް ކުރި ފުލުހުންނާއި އިސް މާގަމުތަކުގައި ތިބި މީހުންނަށް އަދަބު ދިނުމަށް ކަމަށެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ގަބޫލު ކުރާ މީހުން އަދިވެސް ގިނައެވެ. އަދި އެ ދުވަހުގެ އެ ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ކޯނީން ނިންމާފައި ވާ ނިންމުމާ މެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދާ، ކޯނީ ރިޕޯޓުގެ ނިންމުމަކީވެސް ބަޣާވާތަކުން ވެރިކަން ބަދަލު ކުރުން ކަމަށް އެމްޑީޕީން ދަނީ ތުހުމަތު ކުރަމުންނެވެ. ފެބްރުއަރީ 7 ގެ ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ކޮމެޓީން 6 މަސް ވާންދެން ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފު މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.