ސީފުޑް ސިނާއަތުގެ ކްލަސްޓާއަކުން 500 ކޭސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެގެން ރިޕޯޓް ކުރި ތައިލޭންޑްގައި މި ވަގުތު ތިބި ހުރިހާ ދިވެހިން، އެ އެމްބަސީގައި ދަފުތަރު ކުރުމަށް، ތައިލޭންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގޮވާލައިފިއެވެ.
މިއަދު ހެނދުނު ކުރި ޓްވީޓެއްގައި އެ އެމްބަސީއިން ވަނީ، ކޮވިޑް-19 އިން ރައްކާތެރި ވޭވެނެ އުސޫލުތަކަށް ސަމާލުކަން ދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެމްބަސީގައި ދަފުތަރު ވުމަށް އީ-ރެޖިސްޓްރޭޝަން ފޯމު، އެ އެމްބަސީގެ ވެބްސައިޓުން ލިބޭނެ ކަމަށާ، އިތުރު އެހީއަށް، އެމްބަސީގެ ހޮޓްލައިން ބޭނުންކުރުމަށްވެސް ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ އެދިފައެވެ.
ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ހުޅަނގު ދެކުނުން އޮންނަ ސަމުތު ސާހޯން ޕްރޮވިންސްގައި ހިންގާ ސީފުޑް ބާޒާރަކާ ގުޅުން ހުރި 4 ކޭހެއް ރިޕޯޓް ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. މި ސަރަހައްދަކީ ގިނަ އަދަދަކަށް ހިޖުރަވެރި މަސައްކަތްތެރިން ހަރަކާތްތެރިވާ ސަރަހައްދަކަށް ވާއިރު، އެ ފަދަ ފަރާތްތައް ޓެސްޓު ކުރުމަށް ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
ހިޖުރަވެރި މަސައްކަތްތެރިންގެ ތެރެއިން 1192 މީހެއްގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމުން، މި ކްލަސްޓާއަށް ނިސްބަތްވާ 516 ކޭސް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ހޮނިހިރު ދުވަހުގެ ތަފާސް ހިސާބުތަކުގައި މިއަދަދު ހިމަނާފައި ވާއިރު، އެގައުމުން އެ ދުވަހު ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 535 އެވެ.މިއީ ތައިލޭންޑުން މިހާތަނަށް ރިޕޯޓް ކުރި ރެކޯޑް އަދަދެކެވެ. މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބަޔަކު ޕޮޒިޓިވްވެގެން ތައިލޭންޑުން ރެކޯޑް ކުރީ މާޗް 22 ވަނަ ދުވަހުއެވެ. އެ ދުވަހުވެސް ރެކޯޑް ކުރީ 188 ކޭހެވެ. އޭޕްރިލް 25 ވަނަ ދުވަހުން ފަށައިގެން ތައިލޭންޑުގެ ކޭސް ނަމްބަރު އުޅެނީ 50 އަށް ވުރެ ދަށުގައެވެ.
ސީފުޑް މާކެޓް ކްލަސްޓާއިން އަލަށް ރިޕޯޓް ކުރި ކޭސްތަކުގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ތައިލޭންޑުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 4900 އަށް އަރާފައެވެ. މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 60 އަށް އަރައެވެ.