ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިން ފެސިލިޓީއަށް ބީއެމްއެލް އިސްލާމިކް އިން ހޮޔެ ބަދަލުތަކެއް ގެނެސްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލާ 15 ޕަސެންޓްގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ރަހުނާއެކު 12 ޕަސެންޓަށް ކުޑަކުރެވިފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ، ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ އެ ބޭންކަށް ލިބުނު އުފަލެއް ކަމަށެވެ. އަދި މިހާރު ޝަރުއީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުން ދާތީ އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައި ދިނުމަށް ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ބީއެމްއެލުން ދޫކުރާ ފެސިލިޓީ އަކީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެއް ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް .ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ކަމަށް އެ ބޭންކުން ބުނެއެވެ.

ލައިފްސްޓައިލް ފައިނޭންސިން އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ ކަމަށާއި އަދި އަތޮޅު ތެރެއިން ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް އެ ފެސިލިތިއަށް އެދި ހުށަހެޅޭނެ ކަމަށް ގައުމީ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް ލައިފްސްޓައިލް ފައިނޭންސިން އާ ގުޅޭ އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.