ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި، ސިޔާސީ ބައެއް ބޭފުޅުންގެ މެދުގައި ބޮޑު ކޯޅުމަކަށް ގޮސްފިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އިއްޔެ ކުރެއްވި ޓްވީޓަކާ ގުޅިގެން އެތައް ބަޔަކު ދަނީ އެކަމާ ވާހަކަދައްކާ ރައްދު ދެމުންނެވެ.

އަބްދުﷲ ދީދީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީނުގެ އަމުރަށް ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެ މައްސަލާގައި ބަލަންޖެހޭ ހަގީގީ މައްސަލައަކީ، ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު، މައްސަލަ ކަމަށެވެ. އަދި އެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ބެލުން ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ދީނީ އިލްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އިސްލާހުވުމަށްޓަކައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ، ކުށެއް ކުރެވިއްޖެކަން ގަބޫލު ކުރުން ކަމަށެވެ. ބަޔަކު މީހުން ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ހަގީގަތަކީ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ގިނަ ހުކުމްތައް އިއްވާފައި ވަނީ ގާނޫނާއި، ގަވާއިދާ ހިލާފަށް ކަމަށާއި އެކަމަށް ގާނޫނީ ބޭފުޅުންވެސް ހެކިވާނެ ކަމަށެވެ.

ސްޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ޑރ.އިޔާޒް ކުރެއްވި ޓްވީޓުތަކަށް ރައްދު ދެއްވަމުން ކުރިމިނަލް ކޯޓިގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސްޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން ފުލުހުން ކޮށްފައިވާ ތަހުގީގާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވާހަކަ ހިއްސާކޮށް، ޑރ. އިޔާޒާއި ސުވާލުތަކެއް ކުރިމަތި ކުރައްވައިފައެވެ. އަދި އެފަދަ ހެކި ފެންނަން ހުރި މައްސަލައެއްގައި އިޔާޒު "ރޯނު އެދުރަކަށް" ވެގެން ނޫޅުއްވުމަށް ހައިލަމް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ހައިލަމް ވަނީ ތެދަށް ވާހަކަ ދައްކާނަމަ، ސިޔާސީ މަންފާއަށް ދީން ވިއްކައިގެން އުޅޭ ޝެއިހުންނާއި އަމިއްލަ މަސްލަހަތު އޮންނަ މައްސަލަތަކުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅޭ ޝެއިހުން، އެފަދަ ކަންތައްތަކާ މެދު ތައުބާވުން މާރަނގަޅުވާނެ ކަމަށް ވިދާޅުވެ ވެސް ޑރ. އިޔާޒަށް ރައްދު ދެއްވާފައެވެ.

ތެދަށް ވާހަކަދައްކާނަމަ، ސިޔާސީ މަންފާއަށް ދީން ވިއްކައިގެން އުޅޭ ޝެއިޚުންނާއި އަމިއްލަ މަޞްލަޙަތު އޮންނަ މައްސަލަތަކުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅޭ ޝެއިޚުން އެފަދަ ކަންތައްތަކާމެދު ތައުބާވުން މާރަނގަޅުވާނެ.
ހައިލަމް

އެ މައްސަލާގައި ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ރައްދު ދެއްވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ ފެބްރިއަރީ 1، 2018 ވަނަ ދުވަހުގެރޭ އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ކަމަށާއި، 5 ފަނޑިޔާރުންވެސް ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި އެ އަމުރަކީ، އޭރު ޖަލަށްލާފައި ތިބި ހުރިހާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެ މައްސަލަ އަނެއްކާ ފެންމަތިވެފައި ވާއިރު، އޭރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށްވެސް ވަނީ ކަނޑަަޅާފައެވެ.