މިއަދު ރާއްޖެއަށް 4567 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވީ ބޯޑަރު ހުޅުވާލި ފަހުން މިއަދު އަނެއްކާ އާ ރެކޯޑެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަދު 4567 ފަތުރުވެރިން އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މާޗު 27 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި 15 ގައިއެވެ. ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ފަތުރުވެރިޔާ ރާއްޖެ އައީ މިމަހުގެ 12 ވަނަ ދުވަހެވެ. އަދި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބޯޑާރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއާއި އިންޑިއާ އިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ގޮތުން ޖުލައި 15ގައި ބޯޑަރު ހުޅުވިފަހުން މިވީ 5 މަސް ދުވަސް ތެރޭގައި ރަޝިއާއިން ވަނީ 23،226 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި އިންޑިއާއިން 18،758 ފަތުރުވެރިން އައިސްފައި ވާއިރު، އިނގިރޭސި ވިލާތުން ވަނީ 12،372 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.