“ވާނުވާ” ބަންދުގެ ހަގީގީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވެފައިވަނީ "ވާނުވާ" ބަންދުގެ ހަގީގީ ވެކްސިންގެ ނަމުގައި އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

އެގޮތުން އެލިޔުމުގައި ޝަމީމް ވިދާޅުވީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ކުރާ “ވާނުވާ” އަމުރެއްގެ ވާހަކަ ކަމަށެވެ.

އެގޮތުން މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިމަގާމަށް އައްޔަނުވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް “ވާނުވާ” އަށް ހައްލު ގެނެވޭތޯ އެކި ފޯރަމްތަކުގައި އާއި އެކި ސިފަސިފައިގައި އާންމުންނަށް ފެންނާނޭހެންނާއި ނުފެންނަ ގޮތަށް ތަފާތު އެކި މަސައްކަތް ކުރެވިފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެއެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރަން ގާނޫނު ހުއްދަ ކުރަނީ ވެސް ވަރަށް ނާދިރު ހާލަތުތަކުގައި އެމީހެއްގެ ފަރާތުން ހަގީގަތުގައި ވެސް މުޖްތަމައަށް ނުރައްކާވާ މީހުން ކަމަށެވެ. އަދި އެކަމަށް ވަކި މިންގަނޑެއް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގެންގުޅޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަޅުގަނޑު މަގާމާ ހަވާލުވިފަހުން، މިދެންނެވި މިންގަނޑު އަދި އިތުރަށް ވާނީ ހަރުކަށި ކޮށްފައެވެ. މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެން ޖެހޭކަމަށް ފެންނަ މީހުންނެވެ. މިސާލަކަށް، މީހުން މެރިކަމަށް ތުހުމަތުވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނާއި ބޮޑެތި އަދަދުތަކުން ޑްރަގް ޓްރެފިކް ކުރާ ކަމަށް ތުހުމަތުވާ މީހުންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ "ވާނުވާ” ގެ މައްސަލަ ހައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީއަތް ހިންގުމަށްޓަކައި އެންމެ އުފެއްދުންތެރި ހައްލެއް ކަމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެއީ ކޮންޓިނިޔަސް ހިއަރިންގެ އުސޫލުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެމައްސަލައެއްގެ ޝަރީއަތް ފެށުމުގެ ކުރިން ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީއަތް ފަށާނީ ކަމަށެވެ. އަދި ޝަރީއަތް ފެށުމަށްފަހު އެމައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީއަތް ކުރިއަށް ގެންދާނީ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އާންމު ގޮތެއްގައި ޝަރީއަތެއްގައި އޮންނާނީ އިފްތިތާހީ ބަޔާން (އޯޕަނިން ސްޓޭޓްމަންޓް) ހުށަހެޅުމާއި ދެފަރާތުގެ ހެކިން ހާޒިރުކުރުމާއި ހުލާސާ ބަޔާން އިއްވުން ކަމަށާިއ މިތިން މަރްހަލާ ދެތިން ދުވަސް ތެރޭގައި ނިންމާ ލެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެހިސާބުން ދެދުވަހެއްގެ ބްރޭކަކަށްފަހު މައްސަލައިގެ ހުކުމް ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ވާނުވާ” ބަންދުގެ ހަގީގީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުމާއި ދެމިގެންދާ ގޮތަށް ޝަރީއަތް ހިންގުން ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަކީ ވެސް އެއީ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެވާހަކަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި އެއޮތީ ކަމަށާއި ގާނޫނު ތަންފީޒުވާން ފެށުމުން “ވާނުވާ” ވުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.