ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަން ވެރިގެން ދިރިއުޅެމުން އަންނަ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ ބައެއް ސަރަހައްދުތަކުން، 18 ގަޑިއިރަށް ސާފު ފެނުގެ ސަޕްލައިގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
ލަންކާގެ ފެނާއި ނަރުދަމާގެ ކަންކަމާ ބެހޭ އިދާރާ (އެންޑަބްލިއުއެސްޑީބީ) އާ ހަވާލާދީ ލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ލަންކާ ގަޑިން މިއަދު ހެނދުނު 09:00 އިން ފަށައިގެން މިރޭ ދަންވަރު 03:00ގެ ނިޔަލަށް ފެނުގެ ހިދުމަތް މެދުކެނޑޭނެއެވެ.
ސާފު ފެނުގެ ސަޕްލައިގެ ހިދުމަތަށް ބުރޫ އަރާނެ ސަރަހައްދުތަކުގެ ތެރޭގައި ކޮލަމްބޯ1، 2، 10 އަދި 12 ހިމެނެއެވެ. މި ވަގުތުތަކުގައި ކޮލަމްބޯ 3،4،7،8 އަދި 9 އަށް ފެނުގެ ސަޕްލައި ލިބެމުންދާނީ ދަށް ޕްރެޝަރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެންޑަބްލިއުއެސްޑީބީއިން ބުނީ ފެނުގެ ހިދުމަތަށް ބުރޫ އަރަނީ، މައި ޓްރާންސްމިޝަން ހޮޅީގެ މަރާމާތެއް ކުރުމަށެވެ. އަންގޯޑާ ސަރަހައްދުގައި ފެން ސަޕްލައި ކުރާ ހޮޅީގައި ލީކެއް އުޅޭ ކަމަށްވެސް ހަބަރު ލިބެއެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު، ސްރީލަންކާއިން ދަނީ މި މަހުގެ 26 ވަނަ ދުވަހުން ފަށައިގެން ފަތުރުވެރިންނަށް އެ ގައުމު ހުޅުވާލުމަށް ތައްޔާރު ވަމުންނެވެ. ހަރުކަށި އުސޫލުތަކެއްގެ ދަށުން ފަތުރުވެރިންނަށް ލަންކާ ހުޅުވާލުމަށް ތައްޔާރު ވާއިރު، ކޮންމެ ދުވަހަކުވެސް އެއާޕޯޓް ހުޅުވާލާނީ އެންމެ ގިނަވަގެން 500 ފަތުރުވެރިންނަށް ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.