ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާ އެކު ވެސް އެމްޓީސީސީން މި އަހަރު ނިންމާލާނީ އެންމެ ފައިދާ ލިބުނު އަހަރުގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ވީޑިއޯ ހިތޯބުގައި ވިދާޅުވީ ކޮވިޑް-19 ގެ ހުރަސްތަކާ އެކު ވެސް މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން ކުންފުންޏަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައި ވުމަކީ ކުންފުނީގެ ހިންގުންތެރިކަމާއި މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

އެމްޓީސީސީ އަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކެއް ވީ އެންމެ އަވަސް ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެ ކުންފުނިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ މި ހުރަސްތަކާ އެކު ވެސް މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން ކުންފުންޏަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައި ވުމަކީ ކުންފުނީގެ ހިންގުންތެރިކަމާއި މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއް،
ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ތަރައްގީގެ އާ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި މި ސަރުކާރުން ގެންގުޅޭ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ވަކި އިސްކަމެއްދީގެން ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ މުހިންމު އަސާސީ ހިދުމަތްތަކުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އަންނަ އަހަރު ކުރަން ނިންމާފައިވާ އެންމެ ބޮޑު މަސައްކަތަކީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުން ކަމަށެވެ.