ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން 2 ވަނަ ވެކްސިނަކަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ރުހުން ދީފިއެވެ.

ފައިޒާއާއި ބައޮއެންޓެކު ކުންފުނިން ތަރައްގީ ކުރި ވެކްސިނަށް ރުހުން ދީ، އާންމު އުސޫލުން އެ ވެކްސިން ދޭން ފެށިތާ ހަފުތާއެއް ފާއިތު ނުވަނީސް، 2 ވަނަ ވެކްސިނަކަށް އެފްޑީއޭއިން ރުހުން ދިނުމާއެކު، އިތުރު އެތައް މިލިއަން ޑޯޒްއެއްގެ ވެކްސިނަށް މަގު ކޮށިގެން ދިޔައީއެވެ.

އާންމު އުސޫލުން ބޭނުން ކުރުމަށް އެފްޑީއޭއިން 2 ވަނައަށް ރުހުން ދީފައި ވަނީ މޮޑާނާ ކުންފުނިން ތަރައްގީ ކުރި ވެކްސިނަށެވެ. އެމެރިކާއިން ވަނީ މޮޑާނާ ކުންފުނިން ތަރައްގީ ކުރި ވެކްސިންގެ 200 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވެފައެވެ. މީގެ ތެރެއިން 6 މިލިއަން ޑޯޒް އެމެރިކާއަށް ގެންދިއުމަށް ތައްޔާރު ވެފައި ވާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މޮޑާނާ ކުންފުނިން ތަރައްގީ ކުރާ ވެކްސިންގެ ރަމްޒީ ތަސްވީރެއް / ފޮޓޯ: ދަ ވާޖް

އެމެރިކާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ ގައުމެވެ. ކޭސް ނަމްބާރާއި މަރުގެ ރިޕޯޓްތަކަށް ބަލާއިރުވެސް ރެކޯޑް އޮތީ އެމެރިކާގައެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު އެމެރިކާއިން ބަލި ޖެހުނު މީހުންގެ އަދަދު 17.269 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ 311529 އަށް ވަނީ އަރާފައެވެ.

ޓެނަސީގައި ހިންގާ މެހާރީ މެޑިކަލް ކޮލެހުގެ ސީއީއޯ ޑރ ޖޭމްސް ހިލްޑްރެތު ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހު ސީކުއަންސްއެއްގެ ގޮތުގައި އޮތް ވައިރަހަކުން ދިފާއުވުމަށް، ޑިސެމްބަރު 2 ވެކްސިނެއް ކަށަވަރުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން، މޮޑާނާ ވެކްސިން ދިނުމަށް ފާސް ކުރީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ރައްކާތެރި ވެކްސިނެއްގެ ގޮތުގައެވެ. ރެގިއުލޭޓަރުން ވަނީ، މޮޑާނާގެ ވެކްސިނަކީ ރައްކާތެރި، އަދި 94 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ކަނޑައަޅާފައެވެ.

އެމެރިކާގެ ކޮވިޑް-19 ވެކްސިން މަޝްރޫއު އަމާޒު ހިފާފައި ވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް، 50 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ފުރަތަމަ ބުރުގެ ވެކްސިން ލިބޭ ފަރާތްތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާއި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ މަރުކަޒުތަކުގައި ތިބި މީހުންނަށް ހާއްސަ ވާއިރު، ވައިޓްހައުސްގެ އޮފިޝަލުންވެސް މި ލިސްޓުގައި އޮތް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންސްވެސް ރޭގެ ވަގުތެއްގައި، ކެމެރާ ކުރިމަތީގައި ވެކްސިން ޖައްސަވާފައި ވާކަމަށް ހަބަރު ލިބެއެވެ.

އެމެރިކާގައި އާންމު އުސޫލުން ކޮވިޑް ވެކްސިން ދިނުމަށް ބޭނުން ކުރަނީ ފައިޒާއާއި ބައޮއެންޓެކުގެ އުފެއްދުން / ފޮޓޯ: ފްރާންސް24

ހަލުވި ދުވެލީގައި ވެކްސިން ފޯރުކޮށްދިނުމުގެ މަޝްރޫއަށް އެމެރިކާގެ ސަރުކާރުން ކަނޑައަޅާފައިވާ ޕެނަލްގެ އިސް ސައެންޓިސްޓް މުންސިފް ސަލާއޫއީ ވިދާޅުވީ، އާބާދީގެ ބޮޑު ބައެއް ވައިރަހުން ދިފާއު ކުރުވުމަށްޓަކައި، އެމެރިކާގެ އާބާދީގެ 70 ނުވަތަ 80 ޕަސެންޓް މީހުންނަށް ވެކްސިން ދޭން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިން، އާންމު އުސޫލުން އެމެރިކާގައި ބޭނުން ކުރަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފައިޒާގެ ވެކްސިނަކީ މައިނަސް 75 ޑިގްރީއާއި ގާތް ކުރާ އިންތިހާ ފިނީގައި ސަޕްލައިކޮށް، ބަހައްޓަން ޖެހޭ ވެކްސިނަކަށް ވާއިރު، މޮޑާނާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އެކި ޒާތުގެ މުދާ އުފުލުމަށް ބޭނުންކުރާ ފްރީޒަރަށް ކުޅަދާނަ މިންވަރެކެވެ.

ފައިޒާއާއި މޮޑާނާގެ ވެކްސިންތަކަކީ 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންތަކެކެވެ. މޮޑާނާގެ 2 ޑޯޒް ދޭތެރޭ 28 ދުވަސް ހޭދަވެއެވެ. ފައިޒާގެ ވެކްސިންގައި އެކުލެވޭ 2 ޑޯޒްގެ ދޭތެރެ 21 ދުވަސް ހޭދަކުރަންޖެހެއެވެ.