މާފުށީގައި ގެސްޓްހައުސް އެއްގެ ބޭރުގައި ބަހައްޓަފައި ހުރި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފިއެވެ.
ފުލުހުން ބުނީ، ރޭ 8:33 ހާއިރު ކ. މާފުށީގައި ހުންނަ ކާނި ބީޗް ގެސްޓް ހައުސް ބޭރުގައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ފުށޫ އަރާގޮތަށް ކްރިސްމަސް ގަހެއް ބަހައްތާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން އެ ގަސް ނެގުމަށް ގަސް ބެހެއްޓި ފަރާތާ މަޝްވަރާ ކޮށްގެން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާތީ ކޯޓު އަމުރެއް ނެރެ އެ ގަސް ކ. މާފުށި ފުލުހުންގެ މަރުކަޒާ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ އަމުރުގައި ބުނެފައި ވަނީ، އިސްލާމް ދީނާ އިދިކޮޅު އަމަލުތައް ހިންގުމަށް ބޭނުންކުރެވޭ އެންމެހާ ތަކެއްޗާއި ދިވެހި ރާއްޖޭގެ ގާނުނުން މަނާކޮށްފައިވާ އެންމެހައި އެއްޗެއް އެ އަމުރުގެ ދަށުން ހިފެހެއްޓުމަށެވެ. އަދި އެ ގަސް ހިފެހެއްޓުމަށް އެ އަމުރުގައި ވަނީ 62 ދުވަހުގެ މުއްދަތެއް ދީފައެވެ.
ރާއްޖޭގައި ކްރިސްމަސް ދުވަސް ފާހަގަ ކުާތީ އެކަމާ ގުޅޭ ގޮތުން ބައެއް ދީނީ އިލްމުވެރިން ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ވިޔަފާރި ފުޅާ ކުރުމަށްޓަކައި ގައުމުގެ ދީނާއި މިނިވަންކަން ގުރުބާން ކޮށްގެން ނުވާނެ ކަމަށެވެ.
ހަމައެއާއެކު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ، ކްރިސްމަސްއަކީ ނަސާރާ ދީނުގެ މީހުން އެމީހުންގެ ކަލާނގެ ކަމަށް ދެކޭ އީސާގެ ފާނާ ގުޅުވައިގެން ފާހަގަ ކުރާ ފެސްޓިވަލްއެއް ކަމަށާއި މި ފެސްޓިވަލުގައި މުސްލިމުން އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުން ހުއްދަ ނުވާނެ ކަމަށެވެ. އަދި މި ފެސްޓިވަލް ފާހަގަ ކުރަން ބައެއް ދިވެހިން އުޅޭތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާފުށީ ގެސްޓްހައުސް އަކުން ކްރިސްމަސް ގަސް ފުލުހުން ނަގާފައިވާތީ މިކަމާ ބައެއް މީހުން އަންނަނީ ސޯޝަލް މިޑިއާގައި ފުލުހުންނަށް ފާޑު ކިޔަމުންނެވެ. އޭގެތެރެއިން އެއްބަޔަކު ބުނެފައި ވަނީ ކްރިސްމަސް ދުވަސް ގާތްވެފައިވާ މި ދަނޑިވަޅުގައި އެފަދަ ކަމެއް ފުލުހުން ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި ގެސްޓްހައުސް ތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ފާހަގަ ކުރާ މިފަދަ ދުވަސްތަކަށް ވާ ތައްޔާރީ ހުއްޓުވާ ނަމަ ރާއްޖޭގެ ރިސޯޓުތަކުގައި ވެސް މިފަދަ ދުވަސް ފާހަގަ ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ބައެއް މީހުން ބުނެއެވެ.
ކޮވިޑް ބަލިމަޑުކަމުގައި ރާއްޖެ ލޮކްޑައުންގައި އޮތުމަށްފަހު ބޯޑަރު ހުޅުވުމާ އެކު މިހާރު ގިނަ އަދަަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ޒިޔާރަތް ކުރަމުންނެވެ. އަދި މި ދުވަސްވަރަކީ ކޮންމެ އަހަރެއްގެ ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ސީޒަންއެވެ. އެއީ ކްރިސްމަސް ފާހަގަ ކުރުމަށާއި އާ އަހަރު ފާހަގަ ކުރުމަށް ފަތުރިވެރިން އަންނަ ދުވަސްވަރެވެ.