ރަޝިޔާގެ ކުޅުންތެރިން ކުޅިވަރުގައި ބޭނުން ކުރުން މަނާ ބޭސް ބޭނުން ކުރި މައްސަލައިގައި ކުރިއަށް އޮތް ހަތަރު އަހަރު ދުނިޔޭގެ ފެންވަރުގައި ކުޅޭ ބޮޑެތި މުބާރާތްތަކުން އެގައުމުގެ ޓީމުތައް ބައިވެރި ނުކުރަން ނިންމާފައިވާ ނިންމުން ބަދަލުކޮށްފިއެވެ.
ރަޝިޔާއާ ދެކޮޅަށް ނިންމާފައިވާ މި ނިންމުން ބަދަލުކުރީ ކުޅިވަރާ ބެހޭ މައްސަލަތައް ބަލާ އެންމެ މަތީ ކޯޓު، ކޯޓު އޮފް އާބިޓްރޭޝަން ފޮރ ސްޕޯޓްސް ކޭސްއިންނެވެ. ކޭސްއިން ވަނީ ކުރިން އޮތް ހަތަރު އަހަރުގެ ބޭންގެ ބަދަލުގައި ދެ އަހަރުގެ ބޭންއެއް ރަޝިޔާއަށް ދީފައެވެ. އަދި މިންމުމަކީ އެއްވެސް ހާލެއްގައި ރަޝިޔާގެ ކުޅުންތެރިންނާ ކުޅިވަރުތަކާ ގުޅުން ހުރި އިދާރާތަކުންކޮށްފައިވާ ކުށް ބަލައިގަންނާތީ ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް ކޭސްއިން ވަނީ ބުނެފައެވެ.
މިއަދު ގެނައި މިބަދަލާއެކު ވެސް އަންނަ އަހަރު ޖަޕާނުގައި އޮންނަ އޮލިމްޕިކްސް ކުޅިވަރު މުބާރާތާ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ވެސް ރަޝިޔާއަށް ބައިވެރި ނުވެވޭނެއެވެ. މިމުއްދަތުގައި މިފަދަ މުބާރާތެއް ރަޝިޔާއަށް ހޯސްޓް ވެސް ނުކުރެވޭނެއެވެ.
އެހެން ނަމަވެސް މިއަހަރު ބޭއްވުމަށް ކުރި ހަމަޖެހިފައި އޮތް އަދި ކޮވިޑް-19ގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފައި އޮތް ޔޫރޯ 2020 ގައި ރަޝިޔާއަށް ބައިވެރިވެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ މި މުބާރާތަކީ ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއް ނޫން ވީމަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކުރިއަށް އޮތް ދެ އަހަރު ރަޝިޔާއަށް ބޮޑެތި މުބާރާތްތަކުގައި ބައިވެރި ނުވެވުނު ނަމަވެސް މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ނުބެދޭ ރަޝިޔާގެ ކުޅުންތެރިންނަށް ވަކި އަތަކަށް ނުޖެހޭ ގައުމުގެ ދިދައިގެ ދަށުން މުބާރާތްތަކުގައި ވާދަ ކުރެވޭނެއެވެ. މި ގޮތުން ރަޝިޔާގެ ގައުމީ ކުލަތައް ހުންނަ ކިޓެއް މި ކުޅުންތެރިންނަށް ލެވޭ އިރު އެކިޓުގައި ރަޝިޔާގެ ދިދަ އިނދެގެން ނުވާނެއެވެ. މިފަދަ މުބާރާތެއްގައި ރަޝިޔާގެ ގައުމީ ލަވަ ވެސް ނުޖެހޭނެ އިރު ރަޝިޔާގެ ގައުމީ ދިދަ ވެސް މުބާރާތުގައި ވިހުރުވަން ވަނީ މަނާކޮށްފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅޭ ބޮޑެތި މުބާރާތްތަކުގައި ވާދަ ކުރާ ރަޝިޔާގެ ކުޅުންތެރިން ކުޅިވަރުގައި ބޭނުން ކުރުން މަނާ ބޭހުގެ ބޭނުން ހިފާ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. އޭނގެ ފަހުން މިތުހުމަތުތައް އެތަށް ފަހަރެއްގެ މަތިން ކޮށް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އެޅިނަމަވެސް ކުޅިވަރުގެ މަނާ ބޭސްކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތުން ދުނިޔޭގެ ފެންވަރުގައި ކުޅޭ ބޮޑެތި މުބާރާތްތަކުން ރަޝިޔާ ބޭން ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.