އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެ ސްކޫލަށް ގިނަ ފުރުސަތުތަކެއް ދީފައި ވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނުން ހާމަވެއްޖެއެވެ.
ދެ މިނިސްޓްރީ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެ ދެ މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހަމަކޮށްފައެވެ. އެގޮތުން އެ ސްކޫލުން ވަކި ކުރުމަށް ނޯޓީސް ފޮނުވި ދަރިވަރުންގެ މައްސަލައާއި އިތުރު އެހެނިހެން މައްސަލަތުގައި ހައްލު ކުރަން އަންގާފައިވާ ކަންކަން އެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.
ދަރިވަރުން ވަކި ކުރުން
ބަޔާނުގައި ވާ ގޮތުން މިހާތަނަށް ސްކޫލުން ވަކިކުރަން ނޯޓިސް ފޮނުވި ހުރިހާ ދަރިވަރުންގެ ނޯޓިސްތައް ބާތިލުކޮށްފައިވާ ކަމަށާއި ޑޮލަރުން ދީ ނެގުމަކީ ރާއްޖޭގެ ގަވާއިދުތައް މަނާކުރާ ކަމަކަށް ވާއިރު، ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ސްކޫލަށް ވަނީ އަންގާފައެވެ. މީގެ ކުރިން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދަރިވަރުން ވަކި ނުކުރުމަށް ފްލައިން ސްކޫލަށް އަންގާފައެވެ.
އަދި ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލް ކުރެވެމުންދާ ގޮތާއި، ތާވަލު އާންމުކޮށް ފެންނަން ހުންނާނެ ގޮތަށް ޕަބްލިޝް ކުރުމަށް ފްލައިން ސްކޫލަށް އަންގާފައި ވާއިރު، ނަސްލީ ތަފާތުކުރުން ގެންގުޅޭނަމަ އެކަން ރިޕޯޓުކުރުމަށް އެ ދެ ވުޒާރާއިން ވަނީ ދަރިވަރުންނާށް އިލްތިމާސް ކޮށްފައެވެ.
އިތުރު ގިނަ މައްސަލަތަކެއް ހައްލު ކުރުމަށް ފްލައިން ސްކޫލަށް އެންގި
އެ ބަޔާނުގައި ވާ ގޮތުން ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފެށިގެން އައީ 2019 އޮކްޓޯބަރު މަހު، އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމުން، ކަމާ ގުޅޭ އޮޑިޓްތަކާއި ތަހުގީގުތައް ފެށި ހިސާބުންނެވެ.
އެގޮތުން ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ބޭނުންވާ އަދަދަށް މަތިންދާ ބޯޓުތައް ފްލައިން ކޮންޑިޝަނަށް ގެނައުމަށް އަންގާފައިވާ ކަމަށާއި ބޯޓުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން މެއިންޓެނެންސް އެންޑް ކާގޯ މެނޭޖަރުގެ އެޕްރޫވަލްތައް ވިތްޑްރޯކޮށް އާ މެނޭޖަރެއް އައްޔަންކުރަން އަންގާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ސްކޫލުގައި މަސައްކަތް ކުރި ކޮލިޓީ މެނޭޖަރު ވަކިކޮށް، އާ ކޮލިޓީ މެނޭޖަރަކު އައްޔަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ސްކޫލުގެ ހެޑް އޮފް ޓްރެއިނިން ސްކޫލަށް އަނބުރާ ހާޒިރުވުމަށް އަންގާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ދެ ވުޒާރާ ގުޅިގެން ނެރުނު ބަޔާނުގައިވާ ގޮތުން ސްކޫލްގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން އިތުރު އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާފައި ވާއިރު، ދަރިވަރުންގެ ތަމްރީނުތަކަށް އަސަރުކުރާ ގޮތަށް މެއިންޓެނެންސް ދާއިރާ އަށް މިހާރު ދިމާވެފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އެޕްރޫވްޑް އޯގަނައިޒޭޝަންތަކުގެ މެނުއަލްތައް ބަދަލުކުރަން ސްކޫލަށް އަންގާފައި ވެއެވެ.
އަދި މެއިންޓެނެންސް އަށް ބޭނުންވާ ސްޕެއަރ ޕާޓްސް އަދި މެޓީރިއަލްސް ގެނައުމުގެ މަސައްކަތް ސިވިލް އޭވިއޭޝަންގެ ފަރާތުން ރޫޓިންކޮށް ބަލަމުންދާ ކަމަށާއި އެކަށީގެންވާ ޓައިމްލައިނެއްގައި ބޯޓުތައް ސާވިސަބަލް ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަ ވެސް ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް، ސްކޫލްގެ ފަރާތުން ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން ނަމަވެސް "ކޮމްޕްލެކްސް" ބޯޓެއް ގެންނަންޖެހޭނެކަން ސްކޫލަށް އަންގާފައި ވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން މެއިންޓެނެންސް ގާނޫނާ ހިލާފުވެފައި ވާތީ ފްލައިން ސްކޫލު ޖޫރިމަނާ ކުރި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އިތުރު އެއްވެސް ދަރިވަރަކު ސްކޫލަށް ނުވެއްދުމަށް އަންގާފައި ވާއިރު، ދަރިވަރުންނާއި އިންސްޓްރަކްޗަރުންގެ ރޭޝިއޯ 6:1 އަށް ގެނައުމަށް ވެސް ސްކޫލަސް ވަނީ އަންގާފައެވެ. އެގޮތުން އިތުރު އިންސްޓްރަކްޓަރުން އައްޔަންކުރަން އެންގުމުން ސްކޫލްގެ ފަރާތުން މިހާތަނަށް އިތުރު އިންސްޓްރަކްޓަރުންނަށް ވަޒީފާ ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ބަޔާނުގައި ބުނީ، ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރޭޝިއޯ ގަވާއިދުގައި ބުނާ މިންގަނޑަށް ފެއްތުމަށް ކުރެވެމުންދާ މަސައްކަތްތައް ސިވިލް އޭވިއޭޝަންް އޮތޯރިޓީގެ ރޫޓިން މަސައްކަތެއްގެ ގޮތުގައި މިހާރު ދިމާވެފައިވާ މައްސަލައާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.
މީގެއިތުރުން ސިވިލް އޭވިއޭޝަން އެންގުންތަކަށް ސްކޫލުން އަމަލު ކުރަމުންދޭތޯ ބެލުމަށް ސިވިލް އޭވިއޭޝަންގެ އިންސްޕެކްޓަރަކު ސްކޫލްގައި ބަހައްޓަން ވެސް މިހާރު ވަނީ ނިންމާފައެވެ. އަދި ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލުކޮށް، ދަރިވަރުންގެ ކިޔެވުން ފަސޭހަވާނެ ގޮތަށް ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން ސްކޫލަށް އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު މި މައްސަލައިގެ ރޫޓް ކޯޒް އަށް ވިސްނާ، ދުރު މުސްތަގުބަލުގައި މިފަދަ ކަމެއް ދިމާނުވާނެ ގޮތަށް އެޅިދާނެ ޕްރިވެންޓިވް ފިޔަވަޅުތައް ސަރުކާރުގެ މަތީ ފެންވަރުގައި ސިވިލް އޭވިއޭޝަންގެ ޓެކްނިކަލް އޮޕީނިއަންތަކުގެ އަލީގައި މަޝްވަރާ ކުރާނެ ކަމަށް ވެސް ދެ ވުޒާރާއިން ނެރުނު ބަޔާނުގައި ވެއެވެ.
ވީ ކަމެއް ހަރާން.