އެކިއެކި ސަބަބުތަކާ ހުރެ ފަނޑިޔާރުންނަށް ދޭ ހާއްސަ ޗުއްޓީގައި މުސާރައާއި އެހެނިހެން އިނާޔަތްތައް އުނި ނުވާ ގޮތަށް ދޭން ހަމަޖައްސައިފިއެވެ.

މިގޮތަށް ހާއްސަ ޗުއްޓީ ފަނޑިޔާރުންނަށް ދޭ ގޮތަށް ހަމަަޖައްސާފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނައި ދެވަނަ އިސްލާހުގައެވެ.

ޑީޖޭއޭއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގައި އެ ޑިޕާޓްމަންޓުން އާންމުކުރި ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ކަމަށެވެ. 8 ވަނަ މާއްދާއަކީ ސިއްހީ ސަބަބުތަކާ ހުރެ ދެވޭ ދިގު މުއްދަތުގެ ޗުއްޓީ އާއި އެކިއެކި ސަބަބުތަކާ ހުރެ ދެވޭ ހާއްސަ ޗުއްޓީއެވެ. 11 ވަނަ މާއްދާއަކީ ސަލާމް ބުނުން ނުވަތަ ޗުއްޓީ ނެގުމުން ދާއިރާ ހިންގުމުގެ ބަޔަށް ގެނެވުނު އިސްލާހެވެ.

ފަނޑިޔާރުންނަށް ސިއްހީ ސަބަބުތަކާ ހުރެ ދެވޭ ދިގު މުއްދަތުގެ ޗުއްޓީ އާއި އެކިއެކި ސަބަބުތަކާ ހުރެ ދެވޭ ހާއްސަ ޗުއްޓީ:

ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) އަށް އިސްލާހެއް ގެނެސް އެ ބަޔަށް (ނ) ވަނީ އިތުރުކޮށްފައެވެ. އެ މާއްދާގެ (ހ) އަށް ގެނައި އިސްލާހަކީ ފަނޑިޔާރެއްގެ ނުވަތަ ފަނޑިޔާރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް (ދަރިން، މައިންބަފައިން، އަނބިމީހާ، ފިރިމީހާ އަދި އިމީޑިއަޓް ފެމިލީ) ގެ ސިއްހީ ސަބަބުތަކަށްޓަކައި، ޑޮކްޓަރެއްގެ ސެޓްފިކެޓަކާއެކު ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެ ނަމަ 1 އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ޗުއްޓީއެއް ދެވިދާނެއެވެ. އަދި މިގޮތަށް ޗުއްތީ ދެ އިރު ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތަކުގެ ދެބައި ކުޅަ އެއްބައި ދޭގޮތަށް އެ އިސްލާހުގައި ވެއެވެ.

ހަމައެއާއެކު 8 ވަނަ މާއްދާގެ ދަށުން އިތުރު ކުރި (ނ) ގައި ވަނީ ފަނޑިޔާރަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ކަމާ ގުޅުން ހުރި ލިޔެކިޔުންތަކާ އެކު ހުށަހެޅުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅާ އުސޫލަކުން މުސާރައާއި އިނާޔަތްތަކުން އުނި ނުވާ ގޮތަށް ހާއްސަ ޗުއްޓީއެއް ދެވިދާނެއެވެ. މިޗުއްޓީއަށް އެދި ހުށަހަޅާނީ ޖޭއެސްސީއަށް ކަމަށް އެ އުސޫލުގައި ވެއެވެ.

ފަނޑިޔާރުން ސަލާމް ބުނުން ނުވަތަ ޗުއްޓީ ނެގުމުން ދާއިރާ ހިންގުން:

ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ވަނީ އިސްލާހެއް ގެނެސްފައެވެ. އެގޮތުން (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓު އަދި ހައިކޯޓު ފިޔަވައި އެހެން ކޯޓުތަކުގެ ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ، އެކޯޓު ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރާނީ ޑީޖޭއޭއިން ކަނޑައަޅާ ގޮތަކަށެވެ. އަދި ސުޕްރީމް ކޯޓާއި، ހައިކޯޓު ހިންގުން ހަވާލު ކުރާނެ ފަރާތެއް ކަނޑައަޅާނީ މި މާއްދާގެ 1 އަދި 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށް ޑީޖޭއިން ބުނެއެވެ.

އެ ގޮތުން 1 ވަނަ މައްދާގައި ބުނާ ގޮތުގައި އުއްތަމަ ފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އުއްތަމަ ފަނޑިޔާރެވެ. އަދި 2 ވަނަ މާއްދާގައި ބުނާ ގޮތުގައި ހައިކޯޓުގެ އިސްފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތުގައި ހައިކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ހައިކޯޓުގެ އިސްފަނޑިޔާރެވެ.

މީގެ އިތުރުން 11 ވަނަ މާއްދާގެ (ށ) އަށް ގެނައި އިސްލާހުގައި ވަނީ ފަނޑިޔާރުންގެ ސަލާމާއި، ޗުއްޓީއާ ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހައި އިދާރީ ކަންކަން ހަމަޖައްސާނީ ޑީޖޭއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ކޯޓުގެ އިދާރީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި ޗީފް އެޑްމިނިސްޓްރޭޓާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ކަމުގައެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޝަރުއީ ކޯޓުތަކާއި، އިދާރާތަކުން ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނައި 2 ވަނަ އިސްލާހާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމަށް ޑީޖޭއޭއިން އަންގައެވެ.