ބީއެމްއެލް އިން ވިޔަފާރިތަކަށް ދެމުން އަންނަ ހިދުމަތްތައް މާލެ ބިޒްނަސް ސެންޓަރުން ދިނުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ މެއިން ބްރާންޗުގެ ދެވަނަ ފަންގިފިލާއިން ވިޔަފާރިތަކަށް ދެމުން އަންނަ ހިދުމަތްތައް މިމަހު 20 ވަނަ ދުވަހުން ފެށިގެން ދެމުންދާނީ މާލެ ބިޒްނަސް ސެންޓަރުން ކަމަށެވެ.

އެ ހިދުމަތްތަކުގެ ތެރޭގައި މައުލޫމާތު އަޕްޑޭޓް ކުރުމާއި އެކައުންޓް ކްލޯސް ކުރުމާއި ސްޓޭޓްމަންޓަށް އެދި ހުށަހެޅުމުގެ އިތުރުން ޗެކުފޮތަށް އެދި ހުށަހެޅުމާއި ޗެކުފޮތް ދޫކުރުން އަދި ރިފަރެންސް ލެޓާ ދޫކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއިލް މެއިން ބްރާންޗްގެ ދެވަނަ ފަންގިފިލާއިން ވިޔަފާރިތަކަށް ދެމުން އަންނަ ހިދުމަތްތައް މާލެ ބިޒްނަސް ސެންޓަރަށް ބަދަލުކުރަން ނިންމާފައިވާއިރު ބީއެމްއެލް އިން ވަނީ ބީއެމްއެލްގެ އެއާޕޯޓާއި ބާޒާރު ބްރާންޗް ބަންދު ކުރުމަށް ނިންމާފައެވެ.

ބީއެމްއެލުން ބުނީ އެއާޕޯޓު ބްރާންޗް ބަންދު ކުރަން ނިންމާފައިވަނީ މިމަހުގެ 22 ވާ އަންގާރަ ދުވަހު ކަމަށާއި އެ ބްރާންޗް ބަންދު ކުރި ނަމަވެސް އެއާޕޯޓުގެ އޭޓީއެމްގެ ހިދުމަތާއި ޑިޕާޗާ އާއި އެރައިވަލް ޓަރަމިނަލްތަކުގައިވާ ފޮރިން އެޗްސްޗޭންޖް ކައުންޓަރުތަކުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ދޫކުރާ ކައުންޓަރުގެ ހިދުމަތްވެސް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން މާޗު މަހު ބާޒާރު ބްރާންޗް ބަންދު ކޮށްފައިވާ ކަމަށާއި މިހާރު އެއްކޮށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ބްރާންޗްތަކުގެ އޭޓީއެމްތަކުން ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.