ކޮވިޑުގައި މަރުވާ މީހުން ވަޅުނުލާ އަންދަނީ ކީއްވެތޯ ސަރުކާރުން ސްރީލަންކާގައި އަހާފައި ވޭތޯ އިބްރާހިމް އިސްމާއިލް (އިބްރާ) ސުވާލު އުފައްދައިފިއެވެ.

އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ލަންކާ ނޫން އެހެން ގައުމެއްގައި ކޮވިޑުގައި މަރުވާ މީހުން ބިމުގައި ވަޅުނުލާ ތޯ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން ލަންކާގައި ކޮވިޑުގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދަން މަޖުބޫރު ކުރަނީ ސައިންޓިފިކް ކޮށް ހުއްޖަތެއްގެ މައްޗަށް ތޯ ރާއްޖޭގެ ސަރުކާރުން ސުވާލު ކުރިތޯ ވެސް އިބްރާ ވަނީ ސުވާލު ކުރައްވާފައެވެ.

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލަން ހުށަހެޅުމާ ގުޅިގެން ގިނަ ފަރާތްތަކުގެ ހިޔާލު ވަނީ ތަފާތުވެފައެވެ. އެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ތާއީދު ކުރައްވާފައެވެ.

އޭގެ އިތުރުން ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވެސް ވަނީ އެކަމާ ތާއިދު ކުރާކަން ހާމަކޮށްފައެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ކޮވިޑުގައި މަރުވާ މީހުންގެ ގަބުރު ރާއްޖޭގައި ވަޅުލަން ގެނައުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ގިނަ ދީނީ އިލްމުވެރިން އެކަމުގައި ސަރުކާރުގެ ނިންމުމަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފައި ވާއިރު، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލާ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ހޯދުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަމުގެ މައުލޫމާތު ރައީސް ގޮތަބާޔާގެ ވަޒީރުންގެ މަޖިލީހަށް އެނގިފައި ނުވާކަމަށް ލަންކާ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.