މާލެއިން ކުރުމުއްދަތުގެ ދަތުރުތަކަށް އަތޮޅު ތެރެއަށް ދާން ޖެހޭ މީހުން ޕީސީއާރު ޓެސްޓު ހަދަން ކަނޑައަޅާފައި އޮތް އޮތުން ހުއްޓާލަން އެޗްޕީއޭއިން ނިންމާފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މާލެއިން ރަށްރަށް ކުރުމުއްދަތުގެ ދަތުރު ކުރާ މީހުން:

މާލެއިން ރަށްރަށަށް ކުރު މުއްދަތުގެ ދަތުރުތަކަށް ދާން ޖެހޭ މީހުން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ މީހުން އަމަލު ކުރަން ކަނޑައަޅާފައި ވާ ގައިޑްލައިން އާ ހިލާފަށް އަމަލު ކުރާ ނަމަ، ކަނޑައެޅިފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި މަސައްކަތްތެރި ބިދޭސީން:

ހަމައެއާއެކު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރު ފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިގޮތަށް ދަތުރުކުރާ މީހުންގެ ތެރެއިން 1 އަހަރުން ދަށުގެ ކުޑަކުދިން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް ދަތުރުކުރާ މީހުން ޕީސީއާރު ހަދައި ނަތީޖާ ލިބެން ދެން ގޭގައި ކަރަންޓީނުގައި ތިބެން ވާނެ ކަމަށާއި ނަމަވެސް ޕީސީއާރު ނެގެޓިވް ނަތީޖާ ގެންނަ ފަރާތްތަކުން ގޭގައި ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޕީސީއާރު ނެގެޓިވް ނަތީޖާއާ އެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށާއި ނަމަވެސް 10 ދުވަހުގެ މުއްދަތަށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުން އެދެވިގެން ވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި މާލެ ސަރަހައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެއަށް) އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފެއް ނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ މީހުން ކަރަންޓީނުން ދޫކޮށް ލެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ރިސޯޓުތަކަށް ދަތުރު ކުރާ ދިވެހިން:

ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތް ތަކަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓު ތަކަށް ޗުއްޓީއަށް ދަތުރުކުރާ ފަރާތަކުން ދަތުރަށް ފަށާ އިރު 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ދަތުރު ކުރުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މިގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނަށް ހުރުމާއި ކެއުމުގެ ކަންކަން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ވަކިން ހަމަޖައްސާފައި ހުރުމާއި، އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް އަމަލުތައް ބެހެއްޓުމަށް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ކުރުމުއްދަތުގެ މަސައްކަތް ތަކަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކުން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރާ ނަމަ ކަޑައެޅިފައިވާ އުސޫލުގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.